ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެމަނިކުފާނުގެ ހިމާޔަތުގައި "ގައުމީ ފްރަންޓްލައިނެއް" އުފައްދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

"ޑިމޮކްރަސީ ޖަލުގައި" މި ނަމުގައި ރާއްޖެ ޓީވީން މިއަދު މެންދުު ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ހިތުގައި ރައީސް ނަޝީދަށް ދެއްވާފައިވާ މަގާމާ ލޯތްބެއް ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

"ރައީސް ނަޝީދެއް ރިޕްލޭސްއެއް ނުކުރެވޭނެ، ދިވެހިރާއްޖޭގެ ދެ ވަނަ ރައީސް ނަޝީދެއް ދެވަނަ އަންނިއެއް ނެތް. އަދި ނުވެސް އަންނާނެ. އަޅުގަނޑުމެން ދެ މީހުން [ޗެއާ ޕާސަން އަލީ ވަހީދުއާއި ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް] މި ޕާޓީ ބައިބައިވެގެން ދިއުމަކަށް ނޭދޭނަން. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ރައީސް ނަޝީދުގެ ހިމާތުގައި އަޅުގަނޑުމެން ގައުމީ ފްރަންޓު ލައިނެއް އުފައްދާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑާޝިޕްގައި މި ވަގުތު ތިއްބެވި ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ ރައީސް ނަޝީދު މިނިވަން ކުުރުން ކަމަށާއި އަދި ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހެދުމަކީ އެ ޕާޓީގެ ލީޑާޝިޕްގެ އެންމެ ބޮޑު އަމާޒު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ތަކުރާރުކޮށް އެމްޑީޕީ ބައިބައިވިއަކަ ނުދޭނެ ކަމަށް ވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ ޕާޓީގެ ލީޑާޝިޕުގައި މި ވަގުތު ތިއްބެވި ލީޑަރުންގެ އެއްވެސް "އަމިއްލަ އެދުމެއް" ނެތް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި އޮއްވާ އެމްޑީޕީ "ގެއަކަށް" ނުވަންނާނެ ކަމަށެވެ.

"އެމްޑީޕީއަށާއި އިސްލާހަށް މަސައްކަތް ކުރާ މީހުންނަށް މި ސަރުކާރުން ދިން އަނިޔާ ދުވަހަކު ވެސް ހިތަކުން ފިލައިގެން ނުދާނެ، އަޅުގަނޑުމެން ހިތާމައިގައި ވިއަސް ޕާޓީ ބައިބައިވިއަކަ ނުދޭނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވީ ރައީސް ނަޝީދަށް އިއްވި ހުކުމަކީ "ބޭ އިންސާފުން ކުރެއްވި ހުކުމެއް" ކަމަށެވެ. އަދި އެއީ މުޅި ދުނިޔެ ވެސް އެ ކަމަކަށް ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ނަޝީދަށް އިއްވި ހުކުމަކީ ބޭ އިންސާފުން ކުރެވިފައިވާ ހުކުމެއް. އެ ހުކުމަކީ މުޅި ދުނިޔެ ބަލައި ގަންނާނެ ހުކުމެއް ނޫން. އެމަނިކުފާނު އެހެރީ ސިޔާސީ ބަންދެއްގައި. މި ޕާޓީ ކުރިއަށް ދާނީ ރައީސް ނަޝީދުގެ ވިސްނުން ހުރި ގޮތަށް. ޕާޓީގެ ލީޑާޝިޕްގައި އެމަނިކުފާނަށް ދޭންޖެހޭ މަގާމު ލިބޭނެ. ގާނޫނު އަސާސީގެ އިމުގެ ތެރެއަށް މި ސަރުކާރު ވެއްދުމަށް މަސައްކަތް ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަ ކުރާނަމަ ދުވަހަކު ވެސް ޕާޓީގެ ލީޑާޝިޕުން އިތުރު ބޭފުޅަކު އެމަނިކުފާނާ ވާދަ ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވައުދު މި ވަނީ ރައީސް ނަޝީދު ރިޔާސީ އިންތިހާބަކަށް ނުކުންނަން ވަޑައިގެން ހުއްޓާ އަޅުގަނޑެއް ވެސް އަދި އެމްޑީޕީގެ ޕީޖީ ލީޑަރެއް ނުފެންނާނެ. އަދި އެމަނިކުފާނު [ރައީސް ނަޝީދު] ރިޔާސީ އިންތިހާބެއްގައި ނަގާނެ ކޮންމެ ޑިސިޝަނެއްގެ ފަހަތުގައި ހުންނާނަން. މިއަދު ރައީސް [ރައީސް ނަޝީދު] ގެ ހަޔާތުގައި އައި 13 އަހަރުގެ ޖަލު ހުކުމެއް އައުމުން ދާނެ ވަކި ތަނެެއް ނޯންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.