14 Mar 2015, 13:41
އިންޑިއާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި ކޮރިއޮގްރަފަރު ފަރާ ހާން އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.
"އޮމް ޝާންތި އޮމް" އަދި "ހެޕީ ނިއު އިޔާ،" ފަދަ ކާމިޔާބު ބޮލީވުޑް ފިލްމުތަކެއް ޑައިރެކްޓްކޮށް ޕްރޮޑިއުސް ކޮށްފައިވާ ފަރާ، 50 ވަނީ ރާއްޖޭގެ ރިސޯޓެއްގައި އޭނާގެ ފިރިމީހާ، ފިލްމް އެޑިޓަރު އަދި އެޑިޓަރު ޝިރިޝް ކުންދަރު އާއި އެ ދެމަފިރިންނަށް ލިބިފައިވާ ތިން ކުދިން ފެންނަ ގޮތަށް އޭނާގެ މަންމަ މެނާކާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާ ގައި މިއަދު އާއްމުކޮށްފަ އެވެ.
Portrait of my family in Maldives!! Photography:mompic.twitter.com/VV5npSz9na
— Farah Khan (@TheFarahKhan)March 14, 2015
ފަރާ ރާއްޖޭގައި އުޅުނު ނަމަވެސް އޭނާ ރާއްޖެ އައީ ކޮންއިރަކު ކަމެއް އަދި ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ފަރާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަން އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ޓައިމްސް އޮފް އިންޑިއާގައި ވެސް ބުނެފައިވެ އެވެ.
"އާއިލާއަށް ދޭން ބޭނުންވާ ވަރަށް ވަގުތު ނުދެވެ، ވޭތުވެ ދިޔަ ދެ އަހަރު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން މިދަނީ. ފުރަތަމަ އަހަރެން ބިޒީވީ، ހެޕީ ނިއު އިޔާ އެޔަށް ފަހު ބިގް ބޮސް އަދި މިހާރު ފަރާހް ކި ދާވަތް،" މިދިޔަ ބުދަ ދުވަހު ފަރާ ބުނެފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ފަރާ ރާއްޖެ އައިސްފައިވާ އިރު ބޮލީވުޑްގެ މަޝްހޫރު ބަތަލާ، ސޮނާކްޝީ ސިންހާ ވެސް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް މި ހަފްތާ ތެރޭގައި ރާއްޖެ އައިސްފަ އެވެ.
އެކްޓްރެސް އެއްގެ އިތުރުން ޓީވީ ޝޯތަކުގެ ފަނޑިޔާރުކަން ވެސް ކުރަމުން އަންނަ އަދި ކޮރިއޮގްރަފަރެއްގެ ގޮތުގައި މަޝްހޫރު ފަރާހް ވަނީ 80 އަށްވުރެ ގިނަ ހިންދީ ފިލްމަށް 100 އަށްވުރެއް ގިނަ ހިންދީ ލަވައަށް ކޮރިއޮގްރަފީ ހަދައިދީފަ އެވެ.
މީގެ އިތުރުން، އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ދެވޭ ފަހުރުވެރި އެއް އެވޯޑް، ފިލްމްފެއާ އެވޯޑްސްގައި ހަ ފަހަރު އެންމެ މޮޅު ކޮރިއޮގްރަފަރުގެ އެވޯޑް ހޯދައި، އެ އެވޯޑް އެންމެ ގިނައިން ހޯދި ދެވަނަ މީހާގެ މަގާމް ވެސް އޮތީ ފަރާ އަތުގަ އެވެ.