ޑިފެންސް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މޫސާ އަލީ ޖަލީލަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އިން ފާސްކޮށްފި އެވެ.
ކޮމިޓީގެ މުގައްރިރު ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މޫސާ އަލީ ޖަލީލަށް ރުހުން ދިނުމަށް ކޮމިޓީ އިން ފާސްކުރެއްވީ ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށެވެ.

އެހެންނަމަވެސް ކޮމިޓީގެ މުގައްރިރު ރިޔާޒަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކޮމިޓީ ކުރިއަށް ދިޔަ ގޮތުގެ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މޫސާ އަލީ ޖަލީލަށް ރުހުން ދެއްވުމަށް އެދި މަޖިލީހަށް ރައީސް ޔާމީން ފޮނުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގަ އެވެ.

މޫސާ އަލީ ޖަލީލަށް ރުހުން ދިނުމަށް ކޮމިޓީ އިން ފާސްކޮށްފައިވާ އިރު އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެ މަގާމުގައި ކުރިން ހުންނެވި ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމް އެ މަގާމުން ވަކި ކުރައްވައިފަ އެވެ.