"މިނިވަން ނިއުސް"ގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ހަނގުރާމަ ކުރުމުގެ ތެރެއިން މަރުވެއްޖެ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރިލްވާން ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އޭނާގެ އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ. އެފަދަ ވަގުތެއްގައި ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅި ހަނގުރާމަ ކުރަމުންދަނިކޮށް ރިލްވާން މަރުވެފައިވާ ކަމަށް ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުން ފަތުރާފައިވާ ހަބަރުތަކަކީ "ތެދު މައުލޫމާތު އެކުލެވޭ ހަބަރެއް ނޫން" ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރިލްވާން ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭނާ ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމުގެ އެއްވެސް މައުލޫމާތެެއް ރެކޯޑް ކުރެވިފައި ނުވާ ކަމަށެވެ. އަދި އޭނާ ގެއްލުނު ކަމަށް ފުލުހުންނަށް އެންގި ފަހުން އޭނާގެ ޕާސްޕޯޓް ފެނިފައިވާ ކަމަށާއި އެކަން އަންގާފައިވާނެ ކަމަށެވެ.

ރިލްވާން ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ޔުނީފޯމް ލައިގެން ހުރި ފޮޓޯތަކެއް އާންމުވެފައިވާ އިރު ފުލުހުން ބުނީ އެއީ ސައްހަ ފޮޓޯތަކެއް ވެސް ނޫން ކަމަށެވެ.

އޭނާ ގެއްލިގެން ހޯދުމަށް ކުރާ މަސައްކަތުގައި ފުލުހުން ވަނީ ހުޅުމާލެ އާއި މާލޭގެ އެކި ސަރަހައްދުތައް ބަލައި، ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯތަކެއް ހޯދާފަ އެވެ. ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ބައެއް ހެކިތައް އިތުރަށް ދިރާސާ ކުރުމަށް ޓަކައި ވަނީ ރާއްޖެ އިން ބޭރަށް ވެސް ފޮނުވާފަ އެވެ.