ގދ. ތިނަދޫގެ ބިމުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން އެ ރަށުގެ ވަށައިގެން ބިން ހިއްކުމުގެ ސަބަބުން ކުރިން އަޅާފައިވާ ނަރުދަމާގެ ބޭނުން ކެނޑި އުނދަގޫތަކާ ކުރިމަތިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ވިދާޅުވީ ބިން ހިއްކުމުން ނަރުދަމާގެ ހޮޅިތައް ބެދުނު ކަމަށާއި ނަމަވެސް ރަށު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް ނަރުދަމާގެ ނިޒާމު ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން ބޮޑު ހަރަދެއް ކުރާ ކަމަށެވެ.

އެގޮތުން ގާތްގަނޑަކަށް 10،000 މީހުންގެ އާބާދީއެއް އޮންނަ ތިނަދޫ ނަރުދަމާ ސާފުކޮށް ބެލެހެއްޓުމަށް މަހަކު 9000 ރުފިޔާ އާއި 15000 އާ ދެމެދުގެ އަދަދެއް ހަރަދު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަރުދަމާ މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ ކައުންސިލަށް އެކި ގޮތްގޮތުން ލިބޭ ފައިސާ އިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަރައްގީގެ ގިނަ މަޝްރޫތަކެއް ހިންގަމުން އަންނަ އަދި އަތޮޅުގެ ގިނަ ބައެއް އާބާދުވެފައިވާ ތިނަދޫގައި އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކުރިއަށް ގެންދާ ނަރުދަމާގެ މަސައްކަތް ކުރިއަށް އޮތް ދޭއް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް ލަފާކުރެވޭ ކަމަށް ކައުންސިލުން ބުންޏެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ އިރު ކައުންސިލުން ބުނީ ރަށުގައި އިތުރަށް ގޯތި ދޫކުރެވޭނެ ޖާގަ ވެސް މިހާރު ނެތް ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ ފްލެޓު އެޅުމުގެ މަސައްކަތް ނިމުމުން ތިނަދޫގައި އާބާދި އިތުރުވާނެ ކަމަށާއި ނަރުދަމާގެ މަސައްކަތް އޭރަށް ނިންމަން ޖެހޭ ކަމަށެވެ.

ތިނަދޫގައި ހިއްކަން ހަމަޖެހިފައިވާ 55 ހެކްޓަރުގެ ބިން ހިއްކުމަށް 197 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.