ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ރަޝިއާގެ ފުޓްބޯޅައިގެ މަސްރަހުން ފެންނަމުންދާ ނަސްލީ ތަފާތުކުރުމުގެ މައްސަލައަށް ހައްލެއް ގެންނަން ފީފާ އިން ރަޝިއާ އަށް އެހީތެރިވާން ނިންމާފައިވާ ކަމަށް ފީފާގެ އެންޓި ރޭސިޒްމް އެންޑް ޑިސްކްރިމިނޭޝަން ޓާސްކް ފޯސްގެ ޗެއާމަން ޖެފްރީ ވެބް ބުނެފި އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވެބް ބުނީ އެ މައްސަލަ އަށް ހައްލެއް ގެންނަން ފީފާ އިން މަސައްކަތް ކުރާނީ ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނެވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ވެބް ބުންޏެވެ.

"ރަޝިއާގައި އޮތް މައްސަލަ ހައްލުކުރުން ވާނީ ވަރަށް ޗެލެންޖިންގް ކަމަކަށް. ނަމަވެސް ރަޝިއާގެ ކަމާ ބެހޭ ފަރާތްތައް މިހާރު ވަނީ ރަޝިއާގައި އެ މައްސަލަ ވަރަށް ބޮޑުކަން ފާހަގަކޮށް، އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައި. އަދި އެ މަސައްކަތުގައި ފީފާ ބައިވެރިވާ ގޮތަށް މިހާރު ނިންމައިފިން،" ވެބް ބުންޏެވެ.

ވެބް އެހެން ބުނެފައިވާ އިރު، މީގެ ހަފްތާއެއް ކުރިން ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ޖެނެރަލް ސެކްރެޓެރީ އެނެޓޮލީ ވޯރޯބްޔޯފް ވަނީ ރަޝިއާ އިން ނަސްލީ ތަފާތުކުރުމުގެ "ވައިރަސް" ނައްތާލަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި އެ އިދާރާ އިން މިހާރު ވެސް އެ މަސައްކަތް ކުރަމުން ދާއިރު، އެކަމުގައި މާ ބޮޑު ކުރިއެރުންތަކެއް އަދި ލިބިފައި ނުވާކަމަށް ވޯރޯބްޔޯފް ވަނީ ބުނެފަ އެވެ.

ވޯރޯބްޔޯފް އެހެން ބުނެފައި ވަނީ ރަޝިއާގެ ފުޓްބޯޅައިގައި އޮތް ނަސްލީ ތަފާތުކުރުމުގެ ރިޕޯޓްތައް ފީފާގެ ސަމާލުކަމަށް އައިސްފައި ވާކަމަށް ފީފާގެ މިހާރުގެ ރައީސް ސެޕް ބްލެޓާވެސް ވިދާޅުވެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ފީފާގެ އެންޓި ރޭސިޒްމް އެންޑް ޑިސްކްރިމިނޭޝަން ޓާސްކް ފޯސްއިން މިހާރު އެ މައްސަކަތް ފަށަން ނިންމާފައިވާ އިރު، އެ އިދާރާގެ ބޮސް، ވެބް ބުނީ އެ މަސައްކަތް ފަށަން ގަސްދުކުރަނީ ރަޝިއާގެ ކުޅުންތެރިންނާއި ކޯޗުން ނަސްލީ ތަފާތުކުރުމަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތުން ކަމަށެވެ.

"އެފަދަ ކަމެއްގައި ކްލަބްތައް ހޭލުންތެރި ކުރެވިއްޖެ ނަމަ، ދެން އެ ކްލަބްގެ ސަޕޯޓަރުން ވެސް އެކަމަށް ހޭލުންތެރި ވާނެ. އަދި ސްޓޭޑިއަމް ތެރޭ އުފެދޭ ހޭލުންތެރިކަމުން މުޅި މުޖުތަމައު އަށްވެސް އަސަރު ކުރާނެ. އެހެން ކަމުން މި މަސައްކަތުގެ ފުރަތަމަ މަރުހަލާއަކަށް ވާނީ ކޯޗުންނާއި ކުޅުންތެރިން ހޭލުންތެރި ކުރުން،" ވެބް ބުންޏެވެ.