14 Mar 2015, 13:19
މިދިޔަ ސީޒަންގައި ފާހަގަ ކުރެވޭ ވަރުގެ ކާމިޔާބީތަކެއް ހޯދި ކްލަބް އީގަލްސްގެ ފަރާތުން ހިންގާ ޔޫތު އެކަޑަމީގެ ހަރަކާތްތައް އިއްޔެ ފަށައިފި އެވެ.
ކްލަބް އީގަލްސްގެ ޔޫތު އެކަޑަމީގެ ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ތިން އުމުރުފުރާއަކަށް ބަހާލައިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށް އަދި 13 އަހަރުން ދަށުގެ އުމުރު ފުރާ އެވެ. އެ ކްލަބްގެ ފަރާތުން އެކަޑަމީގެ ފުރަތަމަ ހަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު ޓާފް ދަނޑުގެ އެވެ.
އީގަލްސްގެ ޔޫތު އެކަޑަމީއާ ބެހޭ ގޮތުން މިއަދު 'ސަން'އަށް މައުލޫމާތު ދެމުން އެ ކްލަބުގެ މެނޭޖަރު މުހައްމަދު އަފްރާހު ވިދާޅުވީ އެކަޑަމީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ އެފްއޭއެމުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކަމަށެވެ. އަދި އެކަޑަމީއަށް ކުދިން ނަގަނީ އެފްއޭއެމުން ހަމަޖައްސާފައިވާ ގޮތަށް ކަމަށް ވެސް އަފްރާހު ވިދާޅުވި އެވެ.
"އެކަޑަމީތަކުގެ ހަރަކާތްތައް ހިންގަން އެފްއޭއެމުން ކަނޑައަޅާފައި ވަނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހަކު. އެގޮތުން މިއަދަށް ފަހު ދެން އެންމެ އަވަހަށް އީގަލްސްގެ އެކަޑަމީގެ ހަރަކާތްތައް ހިންގަން ހަމަޖެހިފައި ވަނީ މިމަހުގެ 27 އަދި 28 ގައި. އެކަޑަމީއަށް ކުދިން ހޯދާ ގޮތަށް ވެސް ހަމަޖައްސާފައި އިނީ އެފްއޭއެމުން. އެފްއޭއެމް ވަނީ މިހާރު ހުރިހާ ސްކޫލް ތަކަކަށްވެސް ފްލެއަރ ފޮނުވާ، އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފަ،" އަފްރާހު ވިދާޅުވި އެވެ.
އެފްއޭއެމުން ކްލަބްތަކުގެ އެކަޑަމީތަކަށް ކުދިން ހަމަޖައްސަން މަސައްކަތް ކުރާއިރު، ބައެއް ކްލަބުތަކުން ސްކޫލްތަކަށް ގޮސް އެ ކްލަބްތަކުގެ އެކަޑަމީތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައި ވާކަމަށް ވެސް އަފްރާހު ވިދާޅުވި އެވެ.
އިއްޔެ އީގަލްސްގެ އެކަޑަމީން ހިންގި ހަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެމުން އަފްރާހު ވިދާޅުވީ އިއްޔެގެ ހަރަކާތްތަކުގައި އެހާ ގިނަ ކުދިން ބައިވެރިވެފައި ނުވާ ކަމަށެވެ. ނަމަވެސް މިއަދުގެ ހަރަކާތްތަކަށް ގިނަ އަދަދެއްގެ ކުދިން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޔެގެ ހަރަކާތްތަކުގައި ބައިވެރިވީ ގާތްތަނޑަކަށް ފަސް ވަރަކަށް ކުދިން، ނަމަވެސް މިއަދު ދިޔައީ ވަރަށް ރަނގަޅަށް. މިއަދު ނުވަ އަހަރުން ދަށުގެ އުމުރުފުރާއިން ގާތްގަނޑަކަށް 16 ކުދިން ބައިވެރިވި، އަދި 11 އަހަރުން ދަށުގެ ގާތްގަނޑަކަށް 20 ކުދިންނާއި 13 އަހަރުން ދަށުގެ ގާތްގަނޑަކަށް އަށް ވަރަކަށް ކުދިން ތިބި،" އަފްރާހު ވިދާޅުވި އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އެ އެސޯސިއޭޝަން ހިންގުމާއި ހަވާލުވުމަށް ފަހު، ޔޫތު ފުޓްބޯޅައިގެ ކަންކަން ދޫކޮށްލާފައި ވަނީ ކްލަބް ތަކަށެވެ. ކްލަބްތަކުން ހިންގި ނަމަވެސް އެފްއޭއެމުން އެކަޑަމީތައް މޮނީޓާ ކުރަން ހަމަޖެހިފައިވާ އިރު، އެފްއޭއެމުން ވަނީ ކޮންމެ ކްލަބެއްގެ އެކަޑަމީގައި ކޮންމެ އުމުރުފުރާއަކަށް ވެސް 5+30 ކުދިންނަށް ޖާގަ ދޭން ޖެހޭ ގޮތަށް ކަނޑައަޅާފައެވެ.
އެކަޑަމީގައި ބައިވެރިވާ ކުދިންގެ ފީ އާ ބެހޭގޮތުން ވާހަކަ ދައްކަމުން އަފްރާހު ވިދާޅުވީ އެކަމާމެދު އަދި ކްލަބް އީގަލްސްއިން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
"މުޅިއަކު 35 ކުދިންގެ ޖާގަ އެފްއޭއެމުން ކޮންމެ އުމުރުފުރާ އަކަށް ވެސް ކަނޑައަޅާފައިވާ އިރު، އޭގެ ތެރެއިން ފަސް ކުދިން އެއްވެސް ފީ އެއް ނުދައްކާ ގެންގުޅެން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފަ. ބާކީ 30 ކުދިންނަށް ފީ ނެގުމުގެ ހުއްދަ އެފްއޭއެމުން ވަނީ ދީފަ، ނަމަވެސް ފީ ނެގުމާމެދު މި ކްލަބުން އަދި ވަކި ގޮތެއް ނުނިންމަން،" އަފްރާހު ވިދާޅުވިއެވެ.
ކްލަބް އީގަލްސް އަކީ މިދިޔަ އަހަރުގެ ދިވެހި ލީގުގެ ތިންވަނަ ހޯދި ކްލަބެވެ. އަދި މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި، ނިއުރޭޑިއެންޓާ ވާދަކޮށް އީގަލްސް ބަލިވެފައި ވަނީ އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފްގެ ކުޅުމުގައި، ނިއު ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ނެވެ.