މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަގުސަދަކީ ގިނަ ގަވައިދުތަކެއް ހެދުމެއް ނޫން ކަމަށާއި ފުރިހަމަ ގަވައިދުތަކެއް ހެދުން ކަމަށް މަރުކަޒީ ބޭންކުގެ ގަވާނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ބޭންކުގެ އިންޓަނެޓް ބޭންކިން 'ފައިސާ ނެޓް' އިފްތިތާހު ކުރުމަށް ނަސަންދުރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހަފްލާއެއްގައި އަޒީމާ ވިދާޅުވީ ބޭންކިން ފަދަ މާލީ ހިދުމަތްތައް އެންމެންނަށް ލިބުމަކީ އެމްއެމްއޭ އިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމެށެވެ.

"ރާއްޖޭގެ މާލީ ހިދުމަތްތައް ކަނޑު ހުރަސްކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި އޮތް ކޮންމެ ރަށަކަށް ވެސް ލިބެން ޖެހޭ. އެންމެ އެކަހެރި އެންމެ ދުރުގައި އޮންނަ ރަށުގައި ހުންނަ މީހާ އަށް ވެސް ލިބެން ޖެހޭ،" އަޒިމާ ވިދާޅުވި އެވެ.

މުޖްތަމައުގެ ހުރިހާ ގިންތިއެއްގެ މީހުންނަށް މާލީ ހިދުމަތްތައް ލިބުމަކީ އިގްތިސާދީ ތަރައްގީ އިތުރުކުރެވޭނެ ކަމެއް ކަމަށް އަޒީމާ ވިދާޅުވި އެވެ.

ބޭންކިން ސިނާއަތުން ޓެކްނޮލަޖީގެ ބޭނުން ހިފާ ހިދުމަތްތަކަށް ގެންނަމުންދާ ކުރިއެރުން އަޒީމާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެމްއެމްއޭ އަބަދުވެސް އޮންނާނީ މާލީ ދާއިރާއަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދީ ސިނާއަތުގައި ދުޅަހެޔޮ ވާދަވެރިކަން އިތުރުކުުރުމުގެ މަސައްކަތްކުރުމުގައި ކަމަށް އަޒީމާ ވިދާޅުވި އެވެ.