ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ރެޑްވޭވް ޕުލާޒާ ފިހާރައިގެ ބިއްލޫރިތަކެއް ތަޅާލައިފި އެވެ.

ރެޑްވޭވް ގްރޫޕުގެ މެނޭޖަރު އަލީ ޝަހީމް މިއަދު ސަން އަށް ވިދާޅުވީ ސައީދު ކިލޭގެފާނުމަގު މަގުގައި ހުންނަ އެފިހާރައިގެ ދެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ރޭ ދަންވަރު 3:15 ހާކަންހާއިރު ސައިކަލެއްގައި އައި ހަތަރު މީހަކު އެއްޗަކުން ޖަހައި ކަމަށެވެ. އޭނާ ވިދާޅުވާގޮތުން ނަމައެއީ ސިޔާސީ ހަމަލާއެކެވެ.

"އަޅުގަނޑުމެންނަށް އެނގޭ ރޭގައި އެޓޭކް އަންނާނެކަން ވެސް، އެޓޭކް އަންނާނެކަން އެގޭތީ އަޅުގަނޑުމެން ސެކިއުރިޓީ ވެސް ތަންކޮޅެއް ވަރުގަދަކޮށްތިބީ ވެސް، އެހެންޔާ ދެމީހުން ސެކިއުރިޓީގައި ތިބޭއިރު ރޭ ހަތަރު މީހުންނަށް ވެސް ބަދަލު ކުރިން، އެހެންނަމަވެސް ވާގޮތަކީ އެއައި ބަޔަކު ސައިކަލްގައި އައިސް އެއްލާފަ ފިލީ." އަލީ ވިދާޅުވި އެވެ.

ރެޑްވޭވް ސަލީމުގެ ފިހާރަތަކަށް ސިޔާސީ އެކި ހަމަނުޖެހުންތަކާއެކި އަބަދުވެސް ދަނީ ގެއްލުންތައް ދެމުންނެވެ. އަދި ފަހުގެ ތާރީހެއްގައި ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއިން ރެޑްވޭވް ގުރޫޕުގެ ވޭނެއް މުދާ ހިފައިގެން ދުއްވާފައިދަނިކޮށް ވަނީ ފުރޮޅާލައި މުދާތަކަށް ގެއްލުންދީފައެވެ.