ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް ހިންގާފައިވާތީވެ އޭސީ މިލާނުގެ ގެނާރޯ ގަޓޫސޯ ސަސްޕެންޑް ކުރަން ޔޫއޭފާއިން ނިންމައިފި އެވެ.

އުމުރުން 33 އަހަރުގެ ގަޓޫސޯ ވަނީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ޓޮޓެންހަމް އަތުން މިލާން 1-0 އިން ބަލިވި މެޗަށް ފަހު އެ ޓީމުގެ އެސިސްޓެންޓް ކޯޗު ޖޯ ޖޯޑަންގެ ކަރުގައި ހިފައި އޭނާގެ މޫނުމަތީގައި ބޮލުން ޖަހައިފަ އެވެ.

ޔޫއޭފާގެ ޑިސިޕްލިނަރީ ގަވާއިދު ބުނާ ގޮތުން މި ފަދަ އަމަލެއް ހިންގައިފިނަމަ އެ ކުޅުންތެރިއަކު މަދުވެގެން އެއް މެޗަށް ސަސްޕެންޑް ކުރެވޭނެ އެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީން އަންނަ ހަފުތާގައި މި މައްސަލަ ބެލުމަށް ފަހު މަދުވެގެން ތިން މެޗަށް އޭނާ ސަސްޕެންޑް ކުރެވިދާނެ އެވެ. މީގެ އިތުރުން ކުޑުގެ ކުޑަބޮޑުމިނަށް ބަލައި ސަސްޕެންޝަނުގެ މުއްދަތު އިތުރު ވެސް ކުރެވިދާނެ އެވެ.

މިހެންވެ މި ދެ ޓީމު ދެ ވަނަ ލަގުގައި އަންނަ މާޗު މަހު ކުޅޭއިރު ގަޓޫސޯ އަކަށް ނުކުޅެވޭނެ އެވެ. އެ މެޗުން ދެ ލަނޑުގެ ތަފާތަކުން މޮޅުވެގެން ނޫނީ މިލާނަށް ކުއާޓާ ފައިނަލަށް ނުދެވޭނެ އެވެ.
ގަޓޫސޯ ވަނީ އޭނާ ސަސްޕެންޑް ކުރާނެކަން ޔަގީންވުމުން އޭނާގެ އަމަލުތަކާމެދު މައާފަށް ވެސް އެދިފަ އެވެ.