14 Mar 2015, 10:25
ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަން އާއި މަޝްހޫރު އެކްޓަރު އާމިރު ހާން އެކުގައި ފެނިގެންދާނެ އިނގިރޭސި ފިލްމެއް ހެދުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ވިދޫ ވިނޯޑު ޗޮޕްރާ ބުނެފި އެވެ.
"ޕީކޭ" އަދި "ތްރީ އީޑިއަޓްސް" ފަދަ ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ވިނޯޑް ޗޮޕްރާގެ އެ އަމާޒު ފުރިހަމަ ވެއްޖެ ނަމަ، އެ ފިލްމު ވެގެންދާނީ އަމީތާބާއި އާމިރު އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.
"މުޅި ދުނިޔޭގެ އޯޑިއަންސަށް އަމާޒުކޮށްގެން އަމީތާބާއި އާމިރް ހާން އެކުގައި ފެންނަ ފިލްމެއް ހެދުމަކީ ރަނގަޅު ކަމެއް. އެކަމަށް އަމާޒު ހިފަމާ ހިނގާ،" ޗޯފްރާގެ ޑައިރެކްޓްކުރާ ފުރަތަމަ އިނގިރޭސި ފިލްމް "ބްރޯކަން ހޯސަސް"ގެ ޓްރައިލާ ލޯންޗު ކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ހަފްލާގައި ބުންޏެވެ.
ޗޯޕްރާގެ އަމާޒު އެހެން ހުރި ނަމަވެސް، ހަމަ އެ ހަފްލާގައި ވާހަކަ ދައްކަވަމުން އަމީތާބާއި އާމިރް ބުނެފައި ވަނީ، ހޮލީވުޑްގެ ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން ނެތް ކަމަށާއި ހިންދީ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރުމަކީ އުފަލެއް ކަމަށެވެ.
މީގެ އިތުރުން، ބޮލީވުޑްގެ ފިލްމަކާއި ހޮލީވުޑްގެ ފިލްމެއް އިހްތިޔާރު ކުރަން ލިބިއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ހިޔާރު ކުރާނީ ބޮލީވުޑްގެ ފިލްމެއް ކަމަށް އަމީތާބް ވަނީ ބުނެފަ އެވެ.