14 Mar 2015, 10:16
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ރޭ ހުކުމް ކުރުމުން އެމެރިކާ އާއި އިންޑިއާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމެރިކާ އިން ދެކުނު އޭޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިޕޮލަމޭޓް ނިޝާ ބިސަވަލް އާ ހަވާލާދީ ވޮއިސް އޮފް އެެމެރިކާ އިން ބުނީ ރާއްޖޭގެ ސިޔާސީ ކަންކަމާ ބެހޭ ގޮތުން އެކަމަނާ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލުކުރެއްވި ކަމަށާއި އަދި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
އޭގެ އިތުރަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޖެން ސާކީ މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ ރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތައް ވަގުތުން ވަގުތަށް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ. އަދި ގާނޫނީ ވެރިކަމާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް ގޮވާލާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ނަޝީދު ޖަލުގައި ހުންނަވާ އިރު، އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބާރުއެޅުމަށް ގޮވާލާ ކަމަށާއި އަދި ސުލްހަވެރިކަމާ އެކު ހުރިހާ ފަރާތްތަކަކުން ވެސް ހިޔާލު ފާޅުކުރަމުން ގެންދިއުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށެވެ.
އިންޑިއާގެ އެކްސްޓަނަލް އެފެއާޒު މިނިސްޓްރީގެ ތަރުޖަމާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ރައީސް ނަޝީދުގެ ވެރިއަކަށް ހުންނަވައިގެން ހައްޔަރު ކުރި މައްސަލަ ނަޝީދުގެ މައްޗަށް ރޭ ސާބިތުވެ ނަޝީދު ވަނީ 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.