14 Mar 2015, 09:44
އަދަން (މާޗް 14) : ޔަމަން، ދާޚިލީ ހަނގުރާމައެއްގެ ވެއްޓުމުގެ ތުންފަތްމަތީގައިވާ ކަމަށް އެގައުމަށް ކަނޑައަޅާފައިވާ އދ.ގެ މަންދޫބު ޖަމާލް ބިން އުމަރު ވިދާޅުވެއްޖެ އެވެ.
ޔަމަންގެ މައްސަލާގައި ސައޫދީ އަރަބިޔާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެނބުރި ޔަމަންގެ އަދަން އަށް ވަޑައިގެން ރައީސް އަބްދު ރައްބު މަންސޫރު ހާދީ އާ ބައްދަލުކުރެއްވުމަށް ފަހު ބިން އުމަރު ވިދާޅުވީ ޔަމަނަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރުމަށް ވާދަވެރި ފަރާތްތަކުން ދޫނުދޭ ކަމަށާއި މިގޮތަށް ކަންތައްދާ ނަމަ ދާޚިލީ ހަނގުރާމައަކަށް ޔަމަން ވެއްޓިގެން ހިނގައިދާނެކަމުގަ އެވެ. ބިން އުމަރު ވިދާޅުވީ ޔަމަނުގެ މައްސަލަ ސުލްޙަވެރިކަމާ އެކު ހައްލުކުރުމަށް ހުރަސްއަޅާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގަރާރެއް އދ.ގެ ސަލާމަތީ މަޖީހުން ފާސްކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ.
އަރަބި އެހެން ގައުމުތަކުގެ ދާޚިލީ މައްސަލަތަކާ ޚިލާފަށް ޔަމަންގެ ދާޚިލީ މައްސަލައަކީ ބައިނަލްއަގްވާމީ އަމަނާއި ސުލްޙައަށް ނުރައްކާ ކުރާ މައްސަލައެއް ކަމަށާ މިހެންދިމާވަނީ ދާޚިލީ އަރަރާރުންތަކުގެ ސަބަބުން އެގައުމުގައި ހަރަކާތްތެރިވާ އަލްގާއިދާގެ ބާރުގަދަވަމުންދާތީ ކަމަށް ބިން އުމަރު ވިދާޅުވި އެވެ. ޔަމަންގެ ޙޫޘީ ޖަމާއަތުން ވެރިރަށް ސަންޢާ ހިފައި ވެރިކަމުގެ ބާރުތައް ކޮންޓްރޯލް ކުރަންފެށުމާ އެކު ހުޅަނގުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމޭޓުންވަނީ ޔަމަނުން ފައިބާފަ އެވެ.
ޔަމަނަށް ސުލްޙަ ގެނެވެންއޮތީ ޙޫޘީންނާއި ވާދަވެރި އެހެން ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް ގުޅިފައިވާ ސަރުކާރެއް އެކުވަލާލައިގެން ކަމަށް ހުރިހާ ފަރާތްތަކަކުން ވެސް އެއްބަސްވެ އެވެ. ނަމަވެސް މިސަރުކާރު އުފެއްދުމުގެ ވާހަކަތައް ކުރިޔަށްގެންދާނެ ތަނެއް ކަނޑައެޅުމުގައި އެފަރާތްތައްވަނީ ނާކާމިޔާބުވެފައެވެ. (އަލްޖަޒީރާ)