ބަޣްދާދު (މާޗް 14) : އައިއެސް ޖަމާއަތުގެ އަތްދަށުން ތިކްރީތު މިނިވަން ކުރުމަށް ކުރަމުން ގެންދާ ހަނގުރާމަ ކާމިޔާބު ކުރުމަށް އަދި ހަފްތާއަކަށްވުރެ ގިނަ ދުވަސް ނަގާފާނެ ކަމަށް އިރާގުން ބުނެފި އެވެ.

އިރާގު ސިފައިންނާ އެކު ހަނގުރާމަ ކުރަމުންގެންދާ މިލީޝިޔާތަކުގެ އިސް ކޮމާންޑަރަކު ވިދާޅުވީ ތިކްރީތު މިނިވަން ކުރުމަށް ކުރަމުންގެންދާ ހަނގުރާމައިގާ އިރާގު ސަރުކާރުގެ ލަޝްކަރުތައް ތިކްރީތުގެ ބައެއް އަވަށްތަކަށް ވަދެ އެތަންތަނުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލާފައިވީ ނަމަވެސް ތިކްރީތު އެއްކޮށް ހިފުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގަ އެވެ.

އިރާގުގެ ދިފާޢީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއް ބުނާގޮތުން ތިކްރީތުގެ އެތައް ސަރަހައްދެއްގައި ސަރުކާރު ސިފައިންނާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ދަނީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ހިނގަމުންނެވެ. މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ތިކްރީތު މިނިވަން ކުރުމަށް ކުރަމުންގެންދާ ހަނގުރާމައިގާ އިރާގު ސިފައިންނަށް ހުރަސްތައް ކުރިމަތިވީ އައިއެސްއިން އިރާގު ސިފައިންނާދެކޮޅަށް އައްރަމާދީގައި އިތުރު ހަނގުރާމައެއް ފެށުމުގެ ސަބަބުންނެވެ.

މި ހަނގުރާމައިގާ އިރާގު ސިފައިންނާއި އެމީހުންނާ ގުޅިފައިވާ މިލީޝިޔާތަކާ ދެކޮޅަށް އައިއެސްގެ ހަނގުރާމަވެރިން ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރަމުން ގެންދާތީ ތިކްރީތުގައި އިރާގު ސިފައިންގެ ކުރިއެރުން މުޅިން ހުއްޓިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަން ހާމަ ކުރަންނޭދޭ އިރާގުގެ މަސްއޫލުވެރިއަކުވަނީ މިއީ ކާމިޔާބުކުރަން ވަރަށް ދަތި ހަނގުރާމައެއް ކަމަށް ސިފަކުރައްވާފަ އެވެ. ތިކްރީތުގެ އެތައް ސަރަހައްދެއްގައި އައިއެސްގެ ހަނގުރާމަވެރިން އިރާގު ސިފައިންނާ ދެކޮޅަށް ވަރުގަދައަށް ޙަމަލާތައް ދެމުންގެންދާތީ މިހަނގުރާމަ ކާމިޔާބުކުރުމަށް ވަގުތު ނަގާނެކަމަށް އިރާގުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. އައިއެސްގެ އަތްދަށުން ތިކްރީތު މިނިވަން ކުރުމަށް ކުރަމުން ގެންދާ ހަނގުރާމައިގާ އިރާގު ސިފައިންނާއެކު ސަރުކާރަށް ތާއީދުކުރާ މިލީޝިޔާ ހަނގުރާމަވެރިންގެ ދިހަ ހާސްމީހުންވެސް ބައިވެރިވެ އެވެ. މިހަނގުރާމައިގާ އައިއެސް ގެ ހަނގުރާމަވެރިންނާއި އިރާގު ސަރުކާރުގެ ފަޅިން ވެސް އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގެ އާންމުން މަގުމަތިވެ އިންސާނީ ބޮޑެތި ވޭންތަކެއް އެމީހުން ތަހައްމަލްކުރަމުން ގެންދާ ކަަމަށް އދ. ގެ ރެފިއުޖީންނާބެހޭ އިދާރާއިން ބުނެ އެވެ.

ތިކްރީތު މިނިވަންކުރަން ކުރަމުންގެންދާ ހަނގުރާމައިގާ އެރަށުގެ ދެކުނުގައިވާ ދެރަށެއް އިރާގު ސިފައިންވަނީ އައިއެސްގެ އަތްދަށުން މިނިވަންކޮށްފައެވެ. (އަލްޖަޒީރާ)