13 Mar 2015, 23:30
އިންޑިއާ އާއި ސްރީލަންކާ އިން ބައިލެޓްރަލް ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނެރަންދުރަ މޯދީ ސްރީލަންކާ އަށް މިއަދު ކުރެއްވި، އެ މަނިކުފާނުގެ ފުރަތަމަ ލަންކާ ދަތުރުފުޅާ މުނާސަބަތުކޮށް މިއަދު ދެ ގައުމުން ސޮއި ކުރި ހަތަރު އެއްބަސްވުމަކީ، އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި، ވިސާ އާއި ކަސްޓަމްސް އާއި ޒުވާނުންގެ ތަރައްގީ ކުރުމާއި ރަބިންދުރަންތު ޓާގޯ މެމޯރިއަލްއެއް ގާއިމު ކުރުމެވެ.
މޯދީގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރަކު 1987 ވަނަ އަހަރަށް ފަހު ސްރީލަންކާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
"އަހަރެން ވަރަށް ފަހުރުވެރިވޭ ސްރީލަންކާ އަށް އާދެވުނީތީ." މޯދީ ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ އިންޑިއާ އާއި ސްރީލަންކާގެ މަސްވެރިންގެ މައްސަލައަކީ ދެ ގައުމުގެ މަސްވެރިންގެ ކެއިން ބުއިމާއި އިންސާނީ ހައްގާ ގުޅިފައިވާ މައްސަލައެއް ކަމަށާއި އަދި އެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ވަގުތު ނަގާނެ ކަމަށެވެ.
ޕްރައި މިނިސްޓަރު މޯދީ ވަނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ މިއަދު ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުންނާއި ސަރަހައްދީ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ އޭނާ ލަންކާގެ ރައީސާ އެކު ބޭއްވި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެެއް ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ އެ ދެ ގައުމުގެ ކަސްޓަމްސްގެ މެދުގައި މިއަދު ސޮއި ކުރި އެއްބަސް ވުމުގެ ސަބަބުން ދެ ގައުމުގެ ދެ މެދުގައި ވިޔާފާރީގެ މުއާމަލާތްތައް ހިންގުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. މޯދީ ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހިވެގެން ދާނީ ދެ ފަރާތުން މަސައްކަތް ކުރާ ގޮތެއްގެ މައްޗަށް ކަމަށާއި ވިޔަފާރީގެ ގުޅުންތައް ކުރިއަށް ގެންގޮސްގެން ކަމަށެވެ.
މޯދީ ވިދާޅުވީ ޓްރިންކޮމަލީގައި ޕެޓްރޯލިއަމް ހަބެއް ގާއިމު ކުރުމަށް އިންޑިއާ އިން އެހީވުމަށް ތައްޔާރަށް އޮތް ކަމަށާއި އަދި ރެއިލްވޭގެ ދަތުރުތައް ތަރައްގީ ކުރުމަށް 218 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި ލަންކާގެ ރުޕީސް ހަމައަކަށް އެޅުވުމަށް އިންޑިއާގެ ރިޒާވް ބޭންކާއި ލަންކާގެ ސެންޓްރަލް ބޭންކުން ގުޅިގެން 1.5 ބިލިއަން ޑޮލަރުގެ ނިޒާމެއް ގާއިމު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.