13 Mar 2015, 17:31
ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހާލުއަދިވެސް ސީރިއަސް ކަމަށާއި އެ ދެ މީހުން ނޭވާލަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އައްފާލް މިއަދު ސަން އަށް ވިދާޅުވީ ރޭ ފަތިހުން ފެށިގެން އައިސީޔޫގައި ފަރުވާދެމުން އަންނަނީ 24 އަހަރުގެ ބަންގުލަދޭޝްގެ ރައްޔިތަކާއި 20 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
" އެ ދެ މީހުން ނޭވާލަމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި،" އައްފާލް ވިދާޅުވި އެވެ.
ރޭ ދަންވަރު 1:00 އެހާކަންހާއިރު ހުޅުމާލޭ ބަގީޗާ ހިނގުމުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ ދުއްވާފައި ދިޔަ ސައިކަލެއް، ހިނގާފައިދިޔަ ބަނގުލަދޭޝްގެ މީހެއްގެ ގައިގައި ޖެހި އެވެ.
އައްފާލް ވިދާޅުވީ ސައިކަލްގައި އިން ދެވަނަ މީހާގެ އުމުރަކީ 18 އަހަރު ކަމަށާއި ފަރުވާދިނުމަށްފަހު ރޭ ފަތިހު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.