ކީރީތި ރަސޫލާގެ ސިޔަރަތުން ނަމޫނާ ލިބިގަތުމާ ގުޅޭގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ޑރ. ޔާސިރު ގާޒީ ވާހަކަފުޅު ދައްކަވައިފި އެވެ.

ރާއްޖޭގައި މިހާތަނަށް ދެއްވި ފުރަތަމަ އިނގިރޭސި ޚުތުބާގައި އަލިއަޅުވާލާފައިވަނީ ކީރިތި ރަސޫލާގެ އަމަލުފުޅުތަކާއި އެކަލޭގެފާނުގެ ކެތްތެރިކަމާ ގުޅޭ ގޮތުންނެވެ. އަދި ސޫރަތުލް ކައުސަރު ބާވައިލެއްވި ސަބަބާއި އެ ސޫރަތުގެ މާތްކަމާއި ގުޅޭ ގޮތުން މިއަދުގެ ޚުތުބާގައި ވަރަށް ފުޅާކޮށް ޑރ. ޔާސިރު ގާޒީ ވާހަކަފުޅު ދެއްލެވިއެވެ.

"ކީރިތި ގުރުއާނުގައި ހިމެނޭ އެންމެ ކުރު ސޫރަތަކީ ސޫރަތުލް ކައުސަރު. މި ސޫރަތް ބާވައިލެއްވުނީ އެކަލޭގެފާނަށް މެދުވެރިވި ހިތާމަވެރި ދަނޑިވަޅުގައި،"

މީގެއިތުރުން ވެސް މިއަދުގެ ޚުތުބާގައި މުސްލިމުންގެ ބަލިފައި ދެނެގަނެ އިސްލާމްދީނަށް މި ދީނުގެ އަދުއްވުން ހަމަލާދެމުން އަންނަކަން ޑރ. ޔާސިރު ގާޒީ ފާހަގަކުރެއްވި އެވެ. އަދި ދީނާ ދެކޮޅު އަދުއްވުން ކީރީތި ރަސޫލަގެ ޝަހުސިއްޔަތު ކަތިލުމަށް ކުރަމުންދަ މަސައްކަތަށް ވެސް މިއަދުގެ ޚުތުބާގައި ޑރ. ޔާސިރު ގާޒީ ވަނީ އަލިވަޅުލައްވާފަ އެވެ.

މިއަދުގެ ޚުތުބާގައި ވަނީ ކީރީތި ރަސޫލާ ދެކެ ލޯބިވުމަށާއި އެކަލޭގެފާނުގެ ޝަޚުސިއްޔަތު ދެނެގަތުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފަ އެވެ.

އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޔާސިރު ގާޒީ އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ޚުތުބާ ދެއްވި ނަމަވެސް ޚުތުބާގެ ދިވެހި ތަރުޖަމާ ވަނީ ބަހާފަ އެވެ.

ޑރ. ޔާސިރް ގާޒީ ރާއްޖެއަށް ވަޑައިގެންފައި މިވަނީ، "ދަ މެސެޖް" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ ސިލްސިލާ ދަރުސްތަކުގެ ތެރެއިން މިރޭ އަލިމަސް ކާނިވަލުގައި ބާއްވާ ތިން ވަނަ ދަރުހުގައި ތަގުރީރު ކުރެއްވުމަށެވެ. ދަރުހުގައި ޔާސިރް ގާޒީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ "އީމާން ކަމުގެ އަސާސްތައް" މި މައުޟޫގެ މައްޗަށެވެ.