ކުރީގެ ބަންޑާރަ ނައިބު ކަމާއި އަދި އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޑރ. މުހަންމަދު މުނައްވަރު އިސްކޮށް ހުންނަވައިގެން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ "މޯލްޑިވްސް ރިފޯމް މޫވްމަންޓް" އުފެއްދުމުގެ ކުރިން ބާއްވަން ޖެހޭ ޖަލްސާ ބާއްވަން އުޅެ ގާނޫނީ އަދަދު ހަމަނުވެގެން މިރޭ ޖަލްސާ ހުއްޓާލައިފި އެވެ.

މިރޭ 9:00 ޖެހިއިރު ވިލާ ކޮލެޖްގައި ބާއްވަން ރާވާފައި އޮތް އެ ޖަލްސާ ކެންސަލްކުރީ ގަޑިން 10:00 ޖެހިއިރު ވެސް ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާ، ފުރަތަމަ ޖަލްސާ އަށް ހާޒިރުވާން ޖެހޭ 300 މީހުން ހަމަނުވުމުންނެވެ.
އެ ޖަލްސާ އަށް ހާޒިރުވީ ގާތްގަނޑަކަށް 100 ވަރަކަށް މީހުންނެވެ.

ޖަލްސާގެ ގާނޫނީ އަދަދު ހަމަނުވުމުން ޖަލްސާ ނުބޭއްވޭނެ ކަން އިއުލާން ކުރައްވަމުން ޑރ. މުނައްވަރު ވިދާޅުވީ އެ ޖަލްސާގެ ގާނޫނީ އަދަދު ހަމަނުވާތީ ސިޔާސީ ޕާޓީ އުފެއްދުމުގެ ގަވާއިދުން ލާޒިމް ކުރާ ކަންތައްތައް ނުކުރެވޭ ނެތީ ޖަލްސާ ހުއްޓަވާ ލެއްވީ ކަމަށެވެ. ނަމަވެސް ވިދާޅުވީ ފަހުން ތަނަވަސް ތަނެއްގައި އެ ޖަލްސާ ބާއްވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނަނީ އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ޕާޓިއެއް ރަޖިސްޓްރީ ކުރުމަށް 3000 މީހުންގެ ސޮއި ހުށަހެޅުމަށް ފަހު ޕާޓީގެ އަސާސީ ގަވާއިދާއި ލޯގޯ ފާސްކުރުމަށް 300 މެންބަރުން ހަމަވާ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ.

ޑރ. މުނައްވަރު ވިދާޅުވީ މިރޭގެ ޖަލްސާ އަށް ކުރިން އެންގުމަކާ ނުލައި އިލެކްޝަންސް ކޮމިޝަނުން ކުއްލި ގޮތަކަށް މުވައްޒިފުން ފޮނުއްވައި ޕާޓީގެ ޖަލްސާގެ ޔައުމިއްޔާގައި އެ ބޭފުޅުން ސޮއި ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި އެއީ އެކަން ކުރެއްވޭނެ ގޮތް ނޫން ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

ޑރ. މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މެންބަރުންގެ ނިންމެވުމަކުން މެނުވީ އެފަދަ ނިންމުމެއް ކޮމިޝަނުގެ ރައީސަށް ނުނިންމެވޭނެ ކަމަށެވެ. އަދި އެގަވާއިދު އިސްލާހު ކުރަން ޖެހޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މޯލްޑިވްސް ރިފޯމް މޫވްމަންޓް" ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.