ލޮލުގެ ފެނުމުގައި މައްސަލަ އުޅޭ ނަމަ ނުވަތަ ލޮލުގެ މައްސަލަތައް ކުރިމަތިވާނަމަ ކާނާ އެއްގެ ގޮތުން ބޭނުން ކުރަން ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ހިތަށް އަރަނީ އޮރެންޖެވެ. އެހެންނަމަވެސް އޮރެންޖުގެ އިތުރުންވެސް ލޮލުގެ ފެނުން ރަގަޅުކޮށްދޭ ގިނަ ކާނާތަކެއް ހުރެއެވެ.

މަސް

ފެޓީ އެސިޑްގެ ބާވަތެެއް ކަމަށްވާ ޑީއެޗްއޭ އެކުލެވޭ މަހުގެ ބާވަތްތައް ބޭނުން ކުރުމުން ލޮލުގެ ފެނުން ރަގަޅުވެ އެ މަހަކީ ލޮލަށް ފަރުވާ އަކަށް ވެގެންދެ އެވެ. އެގޮތުން ކޯރުގައި ދިރިއުޅޭ ބައެއް މަހުގެ ބާވަތްތަކުގެ އިތުރުން ރާއްޖޭގެ ކަނޑުން އާންމުކޮށް ހިމެނޭ ރާގޮޑި އަކީވެސް ލޮލުގެ ފަރުވާތަކަށް ހައްލު ލިބިގެންދާނެ މަހުގެ ބާވަތެކެވެ.

ވިޓަމިން ސީ އެކުލެވޭ މޭވާ

ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ މޭވާ ބޭނުން ކުރުމަކީވެސް ލޮލުގެ ފެނުން ރަގަޅުވާ ކަމެކެވެ. އެގޮތުން ލުނބޯ އޮރެންޖު މެންޑަރިންވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އަދި ތަފާތު ވައްތަރުގެ ބެރީސްތަކަކީވެސް ލޮލުގެ ފެނުން ރަގަޅުކޮށްދޭ ކާނާގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.

އާމަންޑް

ގިނަ އަދަދަކަށް ވިޓަމިން އީ އެކުލެވޭ އާމަންޑަސް އަކީ ލޮލުގެ ފެނުން ރަގަޅުކޮށް ސިއްހަތު ރަގަޅު ލޮލަކަށް ކޮންމެހެން ބޭނުންވާ ކާނާ އެކެވެ. އެގޮތުން އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިން އީ ގެ 50 ޕަސެންޓް އާމަންޑުން ލިއްބައިދެ އެވެ.

ފެހިކަން ގަދަ ފަތް

ލޮލުގެ ކަޅި ސާފުކޮށް ލޮލުގެ ފެނުން ރަގަޅު ކުރުމަށް ފެހިކަން ގަދަ ފަތް ކެއުމުގައި ބޭނުން ކުރާށެވެ. ފެހިކަން ގަދަ ފަތަކީ އޭގައި ލޮލުގެ ފަރުވާއަށް ބޭނުންވާ މާއްދާއެއް ކަމަށްވާ އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް އެކުލެވޭ ކާނާގެ ބާވަތްތަކެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއިން ބުއިމުގެ ތެރެއަށް ފެހިކަން ގަދަ ފަތް ހިމަނާށެވެ. އޭގެތެރޭގަައި މުރަގަ ފަތް ކޮޕީފަތް އަދި ކުއްޅަފިލާފަތް ވެސް ހިމެނިދާނެ އެވެ.

ބިސް

ބިހަކީ ނުވަތަ ބިހުގެ ގޮބޮޅިއަކީ ހަށިގަނޑަށް ފައިދާ ހުރި މާއްދާއެއް ކަމަށްވާ ޒީޒަނިތް ގިނަ އަދަދަކަށް އެކުލެވޭ ކެއުމުގެ ބާވަތެކެވެ. ބިހުގެ ގޮބޮޅި ކެއުމުން އިންސާނާގެ ލޮލުގެ ފެނުން ރަގަޅުވެ ލޯ ސާފުވެސް ވެގެން ދެ އެވެ.