13 Mar 2015, 14:56
މޮސްކޯ (މާޗް 13) : ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން، އާލާސްކަންފުޅާ އުޅުއްވާ ކަމަށް މީޑިޔާގައި ފެތުރިފައިވާ ވާހަކަތައް ކްރެމްލިން އިން ދޮގުކޮށްފިއެވެ.
ކްރެމްލިން އިންބުނީ މިފަދަ ޚަބަރުތައް ފަތުރަނީ ރަބީޢު މޫސުމުގެ ހުންޖެހިފައިވާ އަދި ނަފްސާނީ ބަލިމަޑުކަމެއް ހުންނަ ފަރާތްތަކުން ކަމުގައެވެ. ރަޝިޔާގެ ބާރުގަދަ މީހާ ގެ ނަމުން މަޝްހޫރު ވެފައިވާ ޕޫޓިން، އާލާސްކަންފުޅާ އުޅުއްވާ ކަމުގެ ޚަބަރުތައް ހުޅަނގުގެ މީޑިޔާގައި ފެތުރިފައިވަނީ އޭނާ އިއްޔެ ކަޒަޚިސްތާނަށް ކުރައްވަން ކުރިން ހަމަޖައްސަވާފައިވާ ރަސްމީ ދަތުރުފުޅު ކެންސަލް ކުރެއްވުމާ ގުޅިގެންނެވެ.
މީގެއިތުރުން ރަޝިޔާގެ އިއްތިޙާދުގައި ހިމެނޭ ޖުމްހޫރިއްޔާ އެއްކަމަށްވާ ދެކުނު އޮސީޓިޔާގެ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބާއްވާ ރަސްމިއްޔާތަކަށް ޙާޒިރުވެ ވަޑައިގެންނެވުމަށް ނިންމެވުމަށްފަހު އެރަސްމިއްޔާތަށް ވަޑައިނުގެންނެވުމަކީވެސް ޕޫޓިން އާލާސްކަންފުޅާ އުޅުއްވާ ކަމުގެ ޚަބަރުތައް ފެތުރިގެން ދިޔަ ސަބަބެކެވެ. މީޑިޔާގައި ފެތުރުނު މިޚަބަރުގެ ތެދުކަން ކަށަވަރުވެފައިނުވިނަމަވެސް ޕޫޓިން އާލާސްކަންފުޅެއްގައި އުޅުއްވާކަން ނަންހާމަ ކުރައްވަންނޭދޭ ކަޒަޚިސްތާނުގެ މަސްއޫލުވެރިއަކު ހާމަކުރައްވާފައިވެއެވެ.
މަލާމާތުގެ ރާގެއްގައި ކްރެމްލިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯފް ވިދާޅުވީ މިއީ މިއަހަރުގެ ރަބީޢު މޫސުމުގެ ފެށުން ކަމުގައެެވެ. ކޮންމެ އަހަރެއްގެ ރަބީޢު މޫސުންވެސް ފެށޭދުވަސްކޮޅު ބައެއްމީހުންނަށް ހުމެއްޖެހޭ ކަމަށާ މިފަދަ ދޮގު ޚަބަރުތައް ފަތުރަނީ ރަބީޢު މޫސުމުގެ ހުންޖެހޭ މީހުން ކަމުގައެވެ. ޔުކްރޭންގެ މައްސަލާގައި ހުޅަނގުން ރަޝިޔާއާ ދިމާކުރަމުންގެންދާ މިދަނޑިވަޅުގައި ޕޫޓިންއާބެހޭ ޚަބަރުތަކަކީ ހުޅަނގުގެ މީޑީޔާތަކުން ވަރަށް ފޯރިއާއެކު ފަތުރަމުންދާ ޚަބަރުތަކެކެވެ. މިފަދަ ޚަބަރުތަކަށް ހުޅަނގުގެ ލީޑަރުންނާއި އާންމުން ވަރަށް ޝައުގުވެރިކަންދޭ ކަމަށްވެއެވެ.
ޕޫޓިން އެންމެފަހުން ފެނިފައިވަނީ އިޓަލީގެ ބޮޑުވަޒީރު މާޓީއޯ ރެންޒީ އާ އެކު މިމަހުގެ 5 ވަނަ ދުވަހު ކްރެމްލިންގައި ބައްދަލުކުރައްވަނިކޮށެވެ. އެއަށްފަހު އެއްވެސް ތަނަކުން އަދި ރަސްމިއްޔާތަކުންވެސް ޕޫޓިން ނުފެންނަކަމަށް ހުޅަނގުގެ މީޑީޔާތައް ބުނެއެވެ. ކްރެމްލިން ގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯފް ވިދާޅުވީ ޕޫޓިން ހުންނެވީ ފުރިހަމަ ސިއްޙަތެއްގައި ކަމަށާ އިއްޔެވެސް ރަޝިޔާ ސަރުކާރުގެ އިސްވެރިންނާއެކު އެކި ބައްދަލުވުންތަކުގައި ޕޫޓިން އުޅުއްވި ކަމުގައެވެ. ނަމަވެސް މިއީ މީޑިޔާތަކަށް އާންމުކުރާ ބައްދަލުވުންތަކެއްނޫން ކަމަށް ބިސްކޯފް ވިދާޅުވިއެވެ. (ރޮއިޓާސް)