13 Mar 2015, 14:12
ނިޔުޔޯކް (މާޗް 13) : ނިއުކްލިޔާ މައްސަލާގައި އެމެރިކާއިން އީރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ޙާލަތެއްގައި އީރާނާދެކޮޅަށް ބައިނަލްއަގްވާމީގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ގަރާރެއްގެ ދެލިކޮޕީ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ތައްޔާރުވަމުން އެބަދެއެވެ.
މިކަން ހާމަކުރައްވަމުން އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ގަރާރެއްގެ ދެލިކޮޕީ އެކުލަވާލުމަށްފަހު ދުނިޔޭގެ ބޮޑު ފަސްބާރުކަމަށްވާ އެމެރިކާ، ރަޝިޔާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގެ މަންދޫބުން އެދެލިކޮޕީއާމެދު މަޝްވަރާ ކުރުމަށްޓަކައި ނިޔުޔޯކްގައި އިއްޔެ ބައްދަލުކުރައްވާފައިވާ ކަމުގައެވެ.
ނިއުކްލިޔާ މައްސަލާގައި އެމެރިކާއިން އީރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ޙާލަތެއްގައި އީރާނާދެކޮޅަށް އދ. ން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމުގެ ބޭނުމަކީ މިފަދަ އެއްބަސްވުމަކާ ދެކޮޅަށް އެމެރިކާގެ ކޮންގްރެސްއާއި އިސްރާއީލުން ކުރަމުން ގެންދާ މަސައްކަތްތައް ނާކާމިޔާބުކޮށްލުން ކަމަށްވަނީ ބެލެވިފައެވެ.
އީރާނާއެކު ސޮއިކުރާނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ނުލިބޭނެ އެއްބަސްވުމެއް ކަމަށާ މިފަދަ އެއްބަސްވުމަކުން އެމެރިކާގެ މަސްލަޙަތައްވާނީ ފައިދާ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވެއެވެ. ކޮންގްރެސްއިންވަނީ ނިއުކްލިޔަރ މައްސަލާގައި އީރާނާއި އެމެރިކާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ އޮބާމާގެ ވެރިކަމުގެ ދައުރު ނިމުމާއެކު އެއެއްބަސްވުން އުވާލާނެކަމުގެ އިންޒާރުދީ އީރާނަށް ސިޓީއެއް ފޮނުވާފައެވެ.
އޮބާމާ ވަނީ އެސިޓީގެ މައްސަލާގައި ކޮންގްރެސްއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ނިއުކްލިޔަރ މައްސަލާގައި އެމެރިކާއިން އީރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ޙާލަތެއްގައި، އީރާނާދެކޮޅަށް ބައިނަލްއަގްވާމީގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކޮށްފިނަމަ އީރާނާއެކު އެމެރިކާއިން ސޮއިކުރާ ނިއުކްލިޔަރ އެއްބަސްވުމެއް އުވާލުމުގެ ފުރްސަތު އެމެރިކާގެ ކޮންގްރެސްއަށް ގެއްލިގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. (ރޮއިޓާސް)