17 Feb 2011, 22:42
ކަރުދާހަށް ކުރާ ހަރަދު ކުޑަކުރުމަށް، ރައްޔިތުންގެ މަޖިލީހުގައި ހިންގުނު ޗެމްބާ އޮޓޯމޭޓް ޕްރޮޖެކްޓު ހިންގާފައި ވަނީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކީ ދޮގެއް ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ މަޖިލީހުގެ ޗެމްބާ އޮޓަމޭޓް ކުރުމަށް ބޭނުންވާ ތަކެތި ގަތުމާއި އެކަމަށް ބޭނުންވާ އެހެނިހެން ސާމާނު ރޯޒް ވެޔާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ގަނެފައި ވަނީ އިއުލާންކޮށްގެން އެކަމަށް ބިޑުކުރި ފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ ރަނގަޅު ފަރާތް ކަމަށް ރައްޔިތުން މަޖިލީހުގެ ބިޑް އިވެލުއޭޝަން ކޮމެޓީން ބެއްލެވުމަށް ފަހު ކަމަށެވެ. އަދި ބުނަނީ މަޖިލީހުގެ އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީއަކީ އެ ކޮމެޓީގެ އެއްވެސް މަރުހަލާއެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ ވެސް އެއްވެސް ދައުރެއް ހިމެނޭ ކޮމެޓީއެއް ނޫން ކަމަށާއި މަޖިލީހުންފެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"ރައްޔިތުން މަޖިލީހުގެ އިދާރާ އިން ބީލަން އުސޫލުން ކުރާ ހުރިހާ މަސައްކަތް ކުރުވުމާއި، ތަކެތި ހޯދުމުގެ އެންމެހާ ކަންތައްތައް ކުރަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނު އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ. އަދި މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ބިޑް އިވެލުއޭޝަން ކޮމެޓީ އަކީ އެ ކޮމެޓީގެ އެއްވެސް މަރުހަލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް އަދި އެއްވެސް އިއްޒަތްތެރި މެންބަރެއްގެ އެއްވެސް ދައުރެއް އޮންނަ ކޮމެޓީއެއް ނޫން ކަމުގައި ދަންނަވަމެވެ،" ރައްޔިތުން މަޖިލީހުގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އެންގެވުމުގެ މަތިން އެ ޕްރޮޖެކްޓް ހިނގާނުހިގާ ގޮތް ބެއްލެވުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ކަމަށެވެ.
އެހެންނަމަވެސް އެ ޕްރޮޖެކްޓުގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ވަނީ ކޮންސަލްޓަންޓެއް ހަމަޖައްސައިގެން އެބޭފުޅުންގެ ލަފާގެ މަތިން މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބުނަނީ އެ ޕްރޮޖެކްޓުގެ ދަށުން އަލަށް ގާއިމްކުރާ ވިއުގައަށް ސަޕޯޓްކުރުމުގެ ގޮތުން މަޖިލީހުގެ އިދާރާގެ އައިސީޓީ ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ޗެމްބާ އޮޓޯމޭޓް ޕްރޮޖެކްޓާ އެކު ކުރެވިފައިވާ ކަމަށެވެ.
އެ ޕްރޮޖެކްޓް ހިންގުމުގައި ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކަންކޮށްފައިވާ ކަމަށާއި ބޭނުންވާ ވަރަށް ވުރެ އިތުރަށް ސާމާނު ގަނެފައިވާ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަނަށާއި ފުލުހުންނަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.