ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން "މިނިވަން 50 ސަރިންދާ"ގެ ނަމުގައި މިއުޒިކް ޝޯއެއް ބާއްވައިފި އެވެ.

މިރޭ ހެންވޭރު ދަނޑުގައި ކުރިއަށް ދިޔަ އެ ލައިވް މިއުޒިކް ޝޯ އަކީ ހޯމް މިނިސްޓްރީ އާއި ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް ގުޅިގެން ބާއްވާފައިވާ ޝޯއެކެވެ.

މިނިވަން 50 ސަރިންދާއާ އެކު މިނިވަން 50ގެ ކުރިއަށް ހުރި ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

މިރޭ 9 އިން 12 އަށް ކުރިއަށް ގެންދިޔަ ލައިވްޝޯގައި ރާއްޖޭގެ އެހާރާއި މިހާރުގެ މަޝްހޫރު ލަވަކިޔުންތެރިން ފެނިގެން ގޮސްފައި ވެއެވެ. އެގޮތުން ލަމް، މަންޑޭ، އަންމަޑޭ، އަޝްފާ، އަޝްރާ، އުނޫޝާ (ކިޑީ)، ފަސީ ، ލަހުފާ، މާއިން، ސަމާގެ އިތުރުން އޮލިމްޕިއަންސް ވެސް އެ ޝޯގައި ޕާފޯމްކޮށްފައި ވެއެވެ.

މިނިވަން ފަންސާސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ނިންމާފަ އެވެ. އެގޮތުން ކުރިއަށް އޮތް ހަރަކާތްތަކުގެ ތެރޭގައި ސްކޫލު ކުދިންގެ ކުރެހުމުގެ މުބާރާތަކާއި "ރައިވެރިބޭ ޖިހާދުގެ ފެތުން" ގެ ނަމުގައި މިމަހުގެ 27 ވަނަ ބާއްވަން ހަމަޖެހިފައިވާ ފެތުމުގެ ހަރަކާތް ފާހަގަކޮށްލެވެ އެވެ.