ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާގިނަ ދުވަހެއް ވަންދެން ޖަލުގައި ނުހުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

"ތިން ފަނޑިޔާރުންގެ ހުކުމް"ގެ ނަމުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، "ދެން މާގިނަ ދުވަހެއް ވަންދެން ރައީސް ނަޝީދު ޖަލުގައި ނުހުންނާނެ" ކަމަށާއި އެމަނިކުފާން ވަރަށް އަވަހަށް ގެއަށް ގެންނަވާނެ ކަމަށެވެ.

"އެމްޑީޕީގެ މެމްބަރުންނަށް ޔަގީންކަން ދޭންބޭނުންވަނީ ﷲ އިރާދަކުރެއްވިއްޔާ ރައީސް މުހައްމަދު ނަޝީދު ދިގު މުއްދަތެއްގައި ޖަލެއްގަައި ނުހުންނާނެ. މަސްތަކެއްގައި ޖަލެއްގައި ނުހުންނާނެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާން އަޅުގަނޑުމެން ގެއަށް ގެންނާނަމޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ޖަލުން ނެރުމަށް އެކި މަގުމަގުން މަަސައްކަތް ކުރަމުން އަންނަކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ހަތުރުން މިތުރުންނަށް ވެގެން އަންނަ މަންޒަރު ފެންނާނެ ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ އަދާލަތު ޕާޓީ ސަރުކާރުން ވަކިވެފައިވާކަން ފާހަގަކުރައްވާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބެއްގައި ވާދަކުރާނީ ރައީސް ނަޝީދާއެކު އެމްޑީޕީގެ މިތުރުންނާއެއްކޮށް ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

މިއަދު ފެންނަނީ އިންސާފު މަގުން އެއްކިބާވެގެން މަސައްކަތް ކުރާ މީހުންނަށް މޮޅުގޮތް އޮތްކަން ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ފުލުހުންވެސް ސިޔާސީ ހަރަކާތަށް ހުރަސް އަޅައިގެން ނުވާނެ ކަމަށާއި ފުލުހުން އެގޮތަށް އަމަލު ކުރާނަމަ ކޯޓަށް ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކައިގައި ބައިނަލްއަގުވާމީ ގައުމުތައް އޮތީ އެބޭފުޅުންނާއެކު ކަމަށް ފާހަގަކުރައްވައި ވިދާޅުވީ، މިދިޔަ މަހު 27 ވަނަ ދުވަހު މާލޭގެ މަގުމައްޗަށް ނުކުތް މީހުން ދުނިޔެ ބަލައިގެންފައިވާ ކަމަށެވެ.

ރާއްޖޭގެ މައްސަލަ ޔޫރަޕުގެ ޕާލަމެންޓަށް ހުށަހަޅަން ޑެންމާކުން މަސައްކަތް ކުރާ ކަމަށާއި ރައީސް ނަޝީދަށް ހުކުމެއް ކޮށްފިއްޔާ ދުނިޔެ ބަލަން ނޯންނާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. އަދި ރައީސް ނަޝިދަށް ހުކުމެއް ކޮށްފިނަމަ ދުނިޔެއިން ފިޔަވަޅު އަޅާނެ ކަމަށާއި "ރައީސް ނަޝީދު ނުހިފެހެއްޓޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.