ދިވެހިރާއްޖޭގެ ކޯޓުތަކުގައި ހިނގާ ޝަރީއަތްތަކަށް އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވުމާއި ކޯޓުތަކުގެ ފަނޑިޔާރުންނަށް އިންޒާރު ދީ ބިރު ދައްކައި ހެދުމަކީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި ކޯޓުތަކުގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ގޮވާލައިފި އެވެ.

ޑީޖީއޭ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފަދަ އަމަލުތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި އެފަދަ ގާނޫނާ ހިލާފު އަމަލުތަކަކީ އޭގެ ސަބަބުން ދިވެހިރާއްޖޭގެ ދާހިލީ އަމަންއާއްމާއި ސިޔާދަތާއި މިނިވަންކަމަށް ވެސް ގެއްލުން ލިބިދާނެ އަމަލުތަކެއް ކަމަށްވެސް ޑީޖީއޭ އިން ބުނެފައި ވެއެވެ.

ޑީޖީއޭ އިން ބުނީ ދިވެހިރާއްޖޭގެ ކޯޓުތަކުން އަދާ ކުރަމުންދާ ދުސްތޫރީ މަސްއޫލިއްޔަތު އަދާ ކުރަމުން ގެންދިއުމަށް ހުރަސް އެޅިދާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އެއްވެސް މަގުސަދަކަށްޓަކައި އެއްވެސް ބާވަތެއްގެ އަމަލެއް ނުހިންގުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ހަމައެފަދައިން ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން ކޮންމެ ބާރަކާ ވެސް ގާނޫނު އަސާސީން މަތި ކޮށްފައިވާ މަސްއޫލިއްޔަތު ކުރަމުން ގެންދިޔުމަށް އެއްވެސް ސިފައެއްގައި ހުރަސް އެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހުއްދަ ކުރާ ކަމަކަށް ނުވާތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ނެގެހެެއްޓުމަށާއި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށާއި އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅާން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ ފަރާތުން ދިވެހި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އިލްތިމާސް ކުރަމެވެ،" ޑީޖީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއް ކަމަށް ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާއިރު އެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމުގެ މަސައްކަތް ކުރާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއް ކަމަށް ޑީޖީއޭ އިން ބުންޏެވެ.

އެ ޑިޕާޓުމަންޓު ބުނީ ދިވެހިރާއްޖޭގެ ކޯޓުތަކަކީ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރާ ތަންތަނަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ޒަރީއާއިންނާ އެހެނިހެން ގޮތްގޮތުން ވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާއި ހަވާލުވެ ތިބި އެންމެހާ މީހުން ކޯޓުތަކަށް އެހީތެރިވާން ވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ "ސަރީހު ނައްސުން" ކަނޑައަޅާ ގަރާރު ކޮށްފައިވާ ކަމަށެވެ.