12 Mar 2015, 22:12
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް މާލޭގައި ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންގެ ހައްޔަރަށް ގެންދާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން މުޒާހަރާތަކަށް ނިދުއުމަށް ވަކި މުއްދަތެއް ބުނުމަށް ފަހު ޝަރުތު ކުރާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އެމްޑީޕީ އިން ހުށަހަޅައިފި އެވެ.
އެ ޕާޓީ އިން މިއަދު ބުނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ އެއްވެ އުޅުމުގެ ހައްގު ބައެއް މީހުންގެ ކިބައިން ނިގުޅައިގަންނަމުންދާ ކަމަށާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިއަދު އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެޗްއާރްސީއެމް އަށް ހުށަހަޅާފައިވާ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންތަކެއް ކުރަމުންދާ މުޒާހަރާތަކުގައި ބަޔަކު ހައްޔަރުކޮށް ވަކި މުއްދަތެއް ވަންދެން އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ނުހިފޭގޮތަށް ޝަރުތުކުރުމަށް ފަހު ދޫކޮށްލާ ކަމަށާއި އެހެންނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީ އިން ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.
ރައީސް ނަޝީދު ހައްޔަރުކުރުމުން އެމަނިކުފާނު ދޫކޮށްލެއްވުމަށް ގޮވާލައި މާލޭގެ މަގުތަކުގައި އެމްޑީޕީގެ މެމްބަރުން އަންނަނީ ކޮންމެ ރެ އަކު ވެސް ސިލްސިލާކޮށް މުޒާހަރާކުރަމުން ނެވެ. އަދި އެ މުޒާހަރާތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ބައެއް ފަރާތްތައް ވަނީ ގެންގޮސްފަ އެވެ.
ބައެއް ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު އަނެއްބައި ފަރާތްތައް ދޫކޮށްލަނީ މުޒާހަރާތަކަށާއި އެއްވުންތަކަށް 60 ދުވަހު ނުދިއުމަށް ޝަރުތުކޮށްފަ އެވެ. އަދި ބައެއް ފަރާތްތައް 30 ދުވަހު ނުދިއުމަށް ވެސް ޝަރުތުކޮށް ދޫކޮށްލަ އެވެ.