12 Mar 2015, 21:47
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުން، އާ މަންހަޖަށް އަހުލުވެރި ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމްކޮށްގެން އަތޮޅުތެރޭގެ ރަށްރަށުގެ ޓީޗަރުންނަށް އަމާޒުކޮށްގެން "ކަރިކިއުލަމް ޓްރެއިނިން ޕްރޮގްރާމް" އެއް ބާއްވައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ފަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި އަތޮޅުތަކުގެ ސްކޫލުތަކުން 120 ޓީޗަރުން ބައިވެރި ވެފައި ވެއެވެ. މިއަދު ނިމުނު އެ ޕްރޮގްރާމަކީ ފައުންޑޭޝަން ސްޓަޑީޒް ކިޔަވައިދޭ ޓީޗަރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީން ޕްރޮގްރާމެކެވެ.
އެންއައިއީގެ ސެމިނާ ރޫމާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ނިންމުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ސެމިނާ ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި 115 ޓީޗަރުން ސެޓްފިކޭޓް ހާސިލްކޮށްފައި ވެއެެވެ.
މީގެ އިތުރުން މިއަދު ވަނީ އެ އިންސްޓިޓިއުޓުން ހިންގަމުން އައި އިތުރު ވޯކްޝޮޕެއް ނިމިފައެވެ. ހުރިހާ ކުދިން ޝާމިލްކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ހަ ސްކޫލެއްގެ ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ވެސް ނިމިފައިވަނީ މިއަދުއެވެ.
މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އެ ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ އަމީނިއްޔާ ސްކޫލާއި ހއ. އަތޮޅު ތައުލީމީ މަރުކަޒާއި ކ. އަތޮޅު ތައުލީމީ މަރުކަޒާއި އދ. އޮމަދޫ ސްކޫލާއި ދ. އަތޮޅު ތައުލީމީ މަރުކަޒު އަދި ލ. އިހައްދޫ ސްކޫލުން ޖުމްލަ 12 ޓީޗަރުންނެވެ.
އެ ވޯކްޝޮޕްގައި ތަމްރީން ދީފައިވަނީ ހުރިހާ ކުދީން ޝާމިލް ކުރުމުގެ ސިޔާސަތުގައި ބަޔާން ކުރާ ގިންތިތަކުގެ ކުދިންނަށް، އަދި ހާއްސަކޮށް ނުކުޅެދޭ ކުދިންނަށް ކިޔަވައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކުގެ މައްޗަށެވެ.
ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއް ކަން ދެނެގަންނަން ޖެހޭނެ ކަމަށެވެ. އަދި އެ ތަފާތުތަކެއް ދެނެގަނެ ދަރިވަރުންގެ މެދުގައި ތަފާތު ކުރުމެއް ނެތި އެކުދިންނަށް ތައުލީމް ހާސިލް ކޮށްދިނުމަކީ ޓީޗަރުންގެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.