12 Mar 2015, 21:19
ގދ. ތިނަދޫން އަހްމަދު ޝަރުވާން
ކިޑްނީގެ ބަލި ހުންނަ މީހުންގެ ކިޑްނީއަށް ދެވޭ ފަރުވާ ނުވަތަ ޑައިލެސިސްގެ ޚިދުމަތާ އެކު ގދ. ތިނަދޫ، ޑރ. އަބްދުސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްގީގެ އައު ހަރުފަތަކަށް ޖެހިލައިފި އެވެ.
ތިނަދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޑައިލެސިސް ސެންޓަރާއި، އައިސޮލޭޝަން ވޯޑުގެ އިތުރުން 10 ޕްރައިވެޓް ރޫމެއްގެ ބިންގާ އަޅައި، ދާނުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކޮށް ހިދުމަތްދޭން ފަށާފައެވެ.
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ޑައިލެސިސް ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އަދި އަލަށް ހުޅުވި އައިސޮލޭޝަން ވޯޑް ހުޅުއްވައިދެއްވީ ދާދިފަހުން ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު ޒުހޫރު އެވެ. 10 ޕްރަައިވެޓް ރޫމްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރާއި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ، އައިސޮލޭޝަން ވޯޑާއި ޑައިލެސިސް ސެންޓަރު ހުޅުވުމަށް ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވެފަައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ވެސް ރާއްޖޭގެ ރައްޔިިތުންނަށް ބޭނުންވާ އެކިއެކި އަސާސީ ހިދުމަތްތައް ފޯރުކޮށްދީ ރައްޔިތުންގެ މަންފާއާއި ތަރައްގީއަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ.

"މިހާރުވެސް މި ހޮސްޕިޓަލްގައި އެކިއެކި ދާއިރާތަކުން 22 ވަރަކަށް ޑޮކްޓަރުން އެބަ ހަރަކާތްތެރިވޭ. އަދި ގާތްގަނޑަކަށް 200 ވަރަކަށް ބަލިމީހުން ދުވާލެއްގެ މައްޗަށް ހިދުމަތް ހޯދާ. ސަރުކާރުގެ އަމާޒަކީ ތިނަދޫއަކީ ހުވަދޫ އަތޮޅުގެ އެންމެ ތަރައްގީވެފައިވާ ރަށަށް ނުވަތަ ސިންގަޕޫރަށް މިރަށް ހަދަން. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ކޮށްދޭނެ،" ޒުހޫރު ވިދާޅުވި އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ، ރާއްޖޭގެ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އެހެން ހުރިހާ ހޮސްޕިޓަލް ތަކަށްވުރެ ފެންވަރު ރަނގަޅު ޑައިލެސިސްގެ ހިދުމަތް އަބްދުއްސަމަދު ހޮސްޕިތަލުން ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ހޮސްޕިޓަލަށް ގިނަ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.
ޑައިލެސިސް ސެންޓަރު މިއަދު ހުޅުވާފައިވާ އިރު އެ ސެންޓަރުން މިހާރު ވަނީ އެކަކު ހިދުމަތް ހޯދާފައެވެ. ޑައިލެސިސް ޔުނިޓްގައި އޮވެ "ސަން" އަށް އޭނާ ބުނީ ޑައިލެސިސްގެ ހިދުމަތް ތިނަދޫގައި ދޭން ފެއްޓެވިކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ.