12 Mar 2015, 21:05
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އިންޑިއާގެ ބޮޑު ހަތަރު ސިޓީއެއްގައި ރޯޑްޝޯއެއް ބާއްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން ( އެމްއެމްޕީއާރްސީ) އާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އޮޕަރޭޓް ކުރަމުން އަންނަ 11 ފަރާތަކުން ބައިވެރިވެގެން އިންޑިއާގެ ބޮޑު ހަތަރު ސިޓީއެއްގައި ރޯޑްޝޯއެއް ބާއްވާފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ. މި ރޯޑްޝޯ ބޭއްވީ މުމްބާއީ އާއި ނިއުދިއްލީއާއި ކަލްކަތާއާއި ބެންގަލޫރްގައެވެ.
" މި ރޯޑްޝޯއަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި. މީގެ ހެޔޮ އަސަރު ކުރިޔަށް އޮތްތަނުގައި ފެނިގެންދާނެ،" އެމްއެމްޕީއާރުސިގެ ޑެޕިއުޓީ ޑިރެކްޓަރު އިބްރާހިމް އާސިމް ވިދާޅުވި އެވެ.
ޝޯގައި ބައިވެރިވި ކުންފުނި ތަކަކީ ޓްރާންސް މޯލްޑިވިއަން އެއާވޭސްއާއި ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާ އާއި ސަން ސިޔާމް ރެޒޯޓްސްއާއި ޕާކްހައިއަޓް މޯލްޑިވްސް ހަޑަހާއާއި އަދާރަން ރިޒޯޓްސް ކެނޮޕަސް އަކުއާސަން ބަތަލާ އައިލެންޑް ރިޒޯޓާއި ޑިސްކަވަރީ ޕްރައިވެޓްލިމިޓެޑާއި ރިއޮލޯ ޓްރެވެލް އާއި ލެޓްސް ގޯ މޯލްޑިވްސް އެވެ. އެހަރަކާތުގެ އެއާލައިން ޕާޓްނަރަކީ އެއާ އިންޑިއާ އެވެ.
ފާއިތުވި އަހަރު އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 45587 އަރައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 3.8 އިއްސައްތައެވެ.