ރާއްޖޭގައި މަތީތައުލީމު ދޭ ކޮލެޖުތަކާއި ޔުނައިވާސިޓީތަކުގެ އިތުރުން، ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އެކިއެކި އެންޖީއޯތަކުގެ ފަރާތުން ހިންގާ 31 ސްޓޯލަކާއެކު ޔޫތު ޗެލެންޖް އާއި ކިއްސަރު ފެއާ 2015 މިއަދު ހުޅުވައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި ކުރިއަށް ގެންދާ ޔޫތު ޗެލެންޖާއި ކިއްސަރު ފެއާ 2015 ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

އެ ހަފްލާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ އިތުރުން، އެ ވުޒާރާތަކުގެ އިސް ވެރިންނާއި، ސްޓޭޓް މިނިސްޓަރުނާއި، ރައްޔިތުންގެ މަޖުލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ޔޫތު ޗެލެންޖާއި ކިއްސަރު ފެއާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު ޑރ. ޝައިނީ ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް، ކުންފުނިތަކުގެ ޕްރޮޑަކްޓުތައް ޕްރޮމޯޓް ކުރުމުގެ ބަދަލުގައި މި އަހަރުގެ ފެއާ އަމާޒުކޮށްފައި ވަނީ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި މަތީ ތައުލީމުގެ ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތު ދޭން ކަމަށެވެ.

ޑރ. ޝައިނީގެ ވާހަކަފުޅުގައި، ރާއްޖޭގައި ޒުވާނުންނަކީ ނިސްބަތުން ގިނަ ބައެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް ކުރިއެރުން ގެނެވޭނީ ޒުވާނުންގެ އެހީތެރިކާމާއެކުކަން ފާހަގަކުރެއްވި އެވެ. އަދި މިއަހަރުގެ ފެއާ އަކީ ވޭތުވެދިޔަ 15 އަހަރުވެސް ވަރަށް ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ ފެއާއެއްކަން ފާހަގަކުރައްވައި، ޑރ. ޝައިނީ ވަނީ ވީހާވެސް ގިނަ ޒުވާނުން އެ ފެއާގައި ބައިވެރިވުމަށް އެދިލައްވާފައެވެ.

ޑރ. ޝައިނީގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަލީހު ޖަމާލް ވެސް ވަނީ އެފަދަ ފެއާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޒުވާނުންގެ ކިބައިން އެދިލައްވާފައެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެ ފެއާ ބާއްވަން ޔޫތު މިނިސްޓްރީން ރާވާފައި ވާކަމަށް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މިމަހުގެ 13، 14 އަދި 15 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑު ކުރިއަށް ގެންދަން ރާވާފައިވާ ކިއްސަރު ފެއާ އާއި ޔޫތު ޗެލެންޖްގެ ޝިއާރަކަށް މިއަހަރު ކަނޑައަޅާފައި ވަނީ "ފޯ ޔޫތު އެންޓަޕްރަނިއަރސް އެންޑް ސޯޝަލް ޗޭންޖް އޭޖެންޓްސް" އެވެ. އަދި މި އަހަރުގެ ފެއާގައި ޒުވާން ވިޔަފާރިވެރިންނާއި އުފެއްދުންތެރިންގެ އިތުރުން މަސައްކަތުގެ ދާއިރާއިން ތަމްރީނު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ދާއިރާގައި ހުރި އެޕްރެންޓިސްޝިޕާއި އިންޓާންޝިޕް (ދަސްވާރު)ގެ ފުރުސަތުތަކާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމަަށްވެސް ޔޫތު މިނިސްޓްރީން މައުލޫމާތު ދިނެވެ.