"ތިން ފަނޑިޔާރުންގެ ނިޔާ"ގެ ނަމުގައި މިރޭ އެމްޑީޕީން މާލޭ ސިޓީ ކައުންސިލްގައި ބާއްވާ އެއްވުމުގައި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފު ޙަރަކާތްތަކެއް ހިންގަން ރާވަމުންދާ އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް ޢަމަލެއް ހިންގާނަމަ އެކަމެއް ފުލުހުން ނުކުމެ ހުއްޓުވާނެ ކަމަށާއި އެފަދަ ޢަމަލެއް ހިންގި ފަރާތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިރޭ ބޭއްވުމަށް އިންތިޒާމުކުރާ އެއްވުމާއި އެ އެއްވުމަށްފަހު ހިންގާ ޙަރަކާތްތައްވެސް ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދަން ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި މިރޭގެ އެއްވުމުގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިގެން ޤާނޫނީ ފިޔަވަޅު އެޅުމުން ނުވަތަ ޤާނޫނުގައި ބުނާ އިމުން ބޭރުން އެއްވުން ގެންދާނަމަ އެ އެއްވުން ރޫޅާލުމުގައި ލިބޭ ގެއްލުމަށް މި އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ފަރުދީ ގޮތުން ޒިންމާވާން ޖެހޭނެ ކަމުގައިވެސް ދަންނަވަމެވެ،"ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެއްވުންތައް ކުރިއަށް ގެންދާ ފަރާތްތަކުން ކުޑަކުދިންނާއި ބަލި މީހުންނާއި އެހެން ފަރާތްތަކުގެ ޙައްޤު ތަކަށާއި ދަތުރުފަތުރަށް ހުރަސް ނޭޅޭނެހެން އެއްވުންތައް ކުރިއަށް ގެންދިއުމަށާއި މީހުންގެ މުދަލަށް ގެއްލުން ނުލިބޭނެފަދަ ގޮތަކަށް އެއްވުންތައް އިންތިޒާމު ކުރުމަށް ފުލުހުންގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

"ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް ގަދަކަމުން ވަންނަން މަސައްކަތް ނުކުރުމަށާއި މިރޭގެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ސަލާމަތީ ކަންކަން ބަލަހައްޓަންތިބޭ ފުލުހުން އަންގާ ގޮތެއްގެ މަތިން ޢަމަލުކުރުމަށް ވެސް މި ފުރުޞަތުގައި އިލްތިމާސް ކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.