12 Mar 2015, 19:37
ސައިޓީސް މުއާހަދާއާ ބެހޭ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
ކަސްޓަމްސްގައި މިއަދު އޮތް އެ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ ތޯރިގް އިބްރާހިމް އާއި ކަމިޝަނާރ ޖެނެރަލް އޮފް ޓެކްސޭޝަންސް އައްބާސް އާދިލް ރިޒާއެވެ.
ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) އަކީ ނެތިިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓްކޮށް، ވިޔަފާރި ކުރުން މަނާކުރާ މުއާހަދާ އެކެވެ.
ކަސްޓަމްސްގައި އޮތް މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ސައިޓީސް މުއާހަދާއާ ބެހޭ މައުލޫމާތު ކަސްޓަމްސްގެ ބޭފުޅުންނަށް ލިބިފައި ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
" ކޮންމެ ގައުމަކަށް ވެސް އެތެރެވާއިރު ފުރަތަމަ ޕޮއިންޓް އޮފް ކޮންޓެކްޓަކީ އެއީ ކަސްޓަމްސް އަށް ވާއިރު، އެ އަޑެންޓިފައި ކުރެވޭނެ ގޮތްތައް ވެސް އެބަހުންނަށް ޖެހޭ. އަދި އެހެންމެ ސައިޓީސް ލިސްޓްގައި އޮންނަ އެއްޗެއް ގެންނައިރު އާއްމުކޮށް ގިނަފަހަރަށް އަޅުގަނޑުމެންގެ އެޖެންސީއަށް އެނގޭނެ ކާކު ކޮންއެއްޗެއް ކަން މި ގެންނަނީ" ތޯރިގު ވިދާޅުވިއެވެ. އަދި މި ތަކެތީގެ އެތެރެވާ މިންވަރު ބަލައި އެމައުލޫމާތު އެންވަޔަރަންމެންޓް މިނިސްޓްރީއަށް ފޯރުކޮށްދޭނެ ފަރާތަކީ ވެސް ކަސްޓަމްސް ކަމަށް ތޯރިގު ވިދާޅުވި އެވެ.
ސައިޓީސް މުއާހަދާއާ ބެހޭ ގޮތުން ކަސްޓަމްގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ކަސްޓަމްސްގެ 31 މުވައްޒަފުން ބައިވެރިވި އެވެ.
ސައިޓީސްގައި ރާއްޖެ ބައިވެރިވީ 2013 ވަނަ އަހަރު އެވެ.