12 Mar 2015, 16:45
ނ. ލަންދޫ ސްކޫލަށް ބޭނުންވާ ޓީވީތަކެއް ގަތުމަށް ޓަކައި ކޮންމެ ބެލެނިވެރިޔަކު ފަންބޮޑިއަކާއި އިލޮށި ފައްޗެއް ސްކޫލަށް ހަދިޔާ ކުރުމަށް އަންގައިފި އެވެ.
ލަންދޫ ކައުންސިލުން މިއަދު ސަން އަށް ޔަގީން ކޮށްދީފައިވާ ގޮތުގައި އެ ރަށު ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމިއްޔާގެ ނިންމުމެއްގެ މަތިން އެ ރަށު ސްކޫލުގައި ކިޔަވާ ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔަކު ފަންބޮޑިއަކާއި އިލޮށި ފައްޗެއް ސްކޫލަށް ދިނުމަށް ވަނީ އަންގައިފަ އެވެ.
އެ ރަށު ސްކޫލުގައި 117 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ އިރު އެއީ 80 ބެލެނިވެރިންގެ ސްކޫލެކެވެ.
އެ ރަށު ސްކޫލަށް ގަންނަން ބޭނުންވާ ޓީވީތައް ގަތުމަށް ދާދިފަހަކުން އެރަށުގައި ވަނީ މަސައްކަތު ދުވަހެއް ވެސް ފާހަގަކޮށްފަ އެވެ. އެ ދުވަހު 18000 ލިބިފައިވާ ކަން ސަން އަށް ވަނީ އެނގިފަ އެވެ.
ލަންދޫ ސްކޫލުގެ ބައެއް ބެލެނިވެރިން ދަނީ ކޮންމެ ބެލެނިވެރިޔަކު އެއަދަދަށް ސްކޫލަށް ތަކެތި ހަދިޔާ ކުރަން އަންގާފައިވާތީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ.