ވޮޝިންޓަން (މާޗް 12) : އެމެރިކާ ސަރުކާރާ އެހެން ގައުމެއްގެ ސަރުކާރާ ދެމެދު ސޮއިކުރެވޭ އެއްބަސްވުންތަކަށް ބަދަލުގެނައުމުގެ ގާނޫނީ ބާރު ކޮންގްރެސް އަށް ލިބިގެން ނުވާ ކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސްގެ ޚާރިޖީ ކަންތައްތަކާ ބެހޭ ސަބް ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން ކެރީވިދާޅުވީ އެމެރިކާ ސަރުކާރާއި ބޭރު ގައުމެއްގެ ސަރުކާރާ ދެމެދު ސޮއިކުރެވޭ އެއްބަސްވުންތަކަކީ އެމެރިކާ ސަރުކާރަށް ލިބިދޭ ތަންފީޒީ ބާރުތަކުގެ ދަށުން ސޮއިކުރެވޭ އެއްޗެއްކަމަށާ މިކަމުގެ ތެރެއަށް ކޮންގްރެސްއަށް ނުވަދެވޭނެ ކަމުގަ އެވެ. ކެރީ މިހެން ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އޮބާމާގެ ވެރިކަމުގެ ދައުރު ނިމުމަށް ފަހު އެއެއްބަސްވުން ދެމިނޯންނާނެ ކަމަށްބުނެ ކޮންގްރެސްގައި ހިމެނޭ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ހަރުކަށި މެންބަރުންތަކެއް އީރާނުގެ ސަރުކާރަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

ޚާރިޖީ ކަންތައްތަކާ ބެހޭ ސަބް ކޮމިޓީން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ކެރީ ވިދާޅުވީ އެމެރިކާގެ ސަރުކާރުގެ އިޚްތިސާސްތަކުގެ ތެރެއަށް ވަނުމަކީ ކޮންގްރެސް އަށް ކުރެވޭނެ ކަމެއްނޫން ކަމަށާ އެކަމުގެ ފުރްސަތު އޮބާމާގެ ސަރުކާރުން ކޮންގްރެސް އަށް ނުދޭނެ ކަމުގަ އެވެ. އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ނިއުކްލިޔަރ މައްސަލާގައި އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އައުމަކީ އިސްރާއީލުގެ ވުޖޫދަށް ނުރައްކާވާނެ ކަމެއްކަމަށް ވިދާޅުވެ އެކަމަށް ހުރަސްއެޅުމަށް މަސައްކަތް ކޮށްދެއްވުމަށް ކޮންގްރެސް އަށް ގޮވާލައްވާފަ އެވެ.

ކޮންގްރެސްގެ ރައީސް ވަނީ އޮބާމާ މަޝްވަރާނުކުރައްވައި އެމެރިކާ އަށް ޒިޔާރަތްކޮށް ކޮންގްރެސްގައި ތަގްރީރު ދިނުމުގެ ފުރްސަތު ނަތަނިޔާހޫ އަށް ދެއްވާފައެވެ. މިމައްސަލާގައިވެސް ވައިޓްހައުސްގެ ފާޑުކިޔުންތައް ކޮންގްރެސްއަށްވަނީ އަމާޒުވެފަ އެވެ. މީގެއިތުރުން އީރާނުގެ ނިއުކްލިޔަރ މައްސަލާގައި ކޮންގްރެސްގެ ބައެއް މެންބަރުން އީރާނުގެ ސަރުކާރަށް ފޮނުއްވި ސިޓީގެ މައްސަލާގައި ވެސް އޮބާމާ ވަނީ ކޮންގްރެސްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނުރުހުން ފާޅުކުރައްވާފަ އެވެ. މިގޮތުން އެމެރިކާ ސަރުކާރުގެ އިޚްތިސާސްތަކުގެ ތެރެއަށް ގާނޫނާ ޚިލާފަށް ވަންނަމުންދާކަމުގެ ތުހުމަތު އޮބާމާވަނީ ކޮންގްރެސްގެ މައްޗަށް ކުރައްވާފަ އެވެ.

ނިއުކްލިޔާ މައްސަލާގައި އެމެރިކާއާއި އީރާނާދެމެދު ސޮއިކުރެވޭ އެއްބަސްވުމެއް އޮބާމާގެ ވެރިކަމުގެ ދައުރު ނިމުމަށްފަހު ދެމިނޯންނާނެކަމާއި އެފަދަ އެއްބަސްވުމެއް ބާތިލްވާނެކަމުގެ އިންޒާރު ދީ ކޮންގްރެސްގެ ހަރުކަށި މެންބަރުން އީރާނަށް ފޮނުއްވި ސިޓީއަކީ އީރާނާއި އެމެރިކާއާދެމެދު ކުރިޔަށްދާ ނިއުކްލިޔަރ ވާހަކަތައް ނާކާމިޔާބު ކޮށްލުމުގެ މަގްސަދްގައި ފޮނުއްވި ސިޓީއެއް ކަމަށް އޮބާގެ ސަރުކާރުންވަނީ ސިފަކޮށްފައެވެ. އެސިޓީގެ ފަހަތުގައިވަނީ އެމެރިކާގައި ޙަރަކާތްތެރިވާ ޔަހޫދީ ހަރުކަށި ޖަމާއަތްތައްކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުންވަނީ ކޮންގްރެސްގެ ސިޓީއަށް ނުބަލައި ނިއުކްލިޔަރ މައްސަލާގައި އެމެރިކާ ސަރުކާރާއެކު އެއްބަސްވުމަކަށް އައުމަށް ކުރަމުން ގެންދާ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށްބުނެފައެވެ. (ނޫސްއެޖެންސީތައް)