މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިންގަމުން ގެންދާއިރު އަދި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހަަރަކާތްތެރިވާ ވަގުތުތަކުގައި ނޫސްވެރިންނަށާއި މީޑިއާތަކުގެ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މީޑިއާ ކައުންސިލުން އެދިއްޖެި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުޒާހަރާތަކުގައި ހަމަނުޖެހުން ހިނގާ ދަނޑިވަޅުތަކުގައި ނުވަތަ މުޒާހަރާތައް ރޫޅާލާ ވަގުތުތަކުގައި މުޒާހަރާކުރާ މީހުންގެ ތެރޭގައި ހަރަކާތްތެރިވާ ނޫސްވެރިންނަށާއި މީޑިއާތަކުގެ ފަރާތްތަކަށް ފުލުހުންގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދަތިވާނެ ވާހަކަ ފުލުހުންގެ އިދާރާ އިން ބުނެފައިވާ ކަމަށެވެ.

"އެހެންކަމުން މުޒާހަރާތައް ހިނގަމުންދާ ވަގުތުތަކުގައި ފުލުހުންގެ ބެލުމުގެ ދަށުން ނޫސްވެރިންނަށާއި މީޑިއާގެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ފުލުހުންގެ އިރުޝާދާއި އެންގުންތަކާ އެއްގޮތަށް ހަރަކާތްތެރިވުމަށް އެންމެހާ ނޫސްވެރިންނަށް ނަސޭހަތްތެރިވަމެވެ،" މީޑިއާ ކައުންސިލުން މީޑިއާތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވެ އެވެ.

މީގެއިތުރުން މުޒާހަރާގެ ބައިވެރިން ގެންގުޅޭ ވެހިކަލް ފަދަ ތަކެތީގައި ނޫސްވެރިން ހަރަކާތްތެރި ވާނަމަ ހަމަނުޖެހުން ހިނގާ ވަގުތުތަކުގައި އެފަދަ ނޫސްވެރިންނަށް ވެސް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް އުނދަގޫވާނެ ކަމަށް ފުލުހުން ބުނެފއި ވާތީ އެކަމަށް ވެސް ނޫސްވެރިންނާއި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަމާލުވުމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ.