12 Mar 2015, 15:54
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގެ އެއްވެސް ނުފޫޒެއް ނެތް ކަމަށާއި އަދި ނުފޫޒެއް އޮވެގެން ވެސް ނުވާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ރައީސް ނަޝީދުގެ ޝަރީއަތާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ދުނިޔޭގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރުން އަންނަނީ އަހުމުން ކަމަށާއި އަދި އެކަމާ ގުޅިގެން ސަރުކާރުން ވެސް އަންނަނީ ވާހަކަ ދައްކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރުގެ ފަރާތްތަކުގެ އެއްވެސް ނުފޫޒެއް ނެތް. އަދި ނުފޫޒެއް އޮވެގެން ނުވާނެ. އެހެންނަމަވެސް އެބޭފުޅުންގެ ކޮންސާންތަކެއް އެބަހުރި. ކަންބޮޑުވުންތަކާ އަޅުގަނޑުމެން މިދަނީ ވާހަކަ ވެސް ދައްކަމުން،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ރާއްޖޭގެ މަޝްރަހު މިހާރު އޮތް ގޮތުން އެއްވެސް ފަރާތަކުން ރާއްޖެއާ މެދު ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަކަށް ގަބޫލުފުޅު ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިހާރު ރާއްޖޭގެ މަޝްރަހު މިއޮތް ގޮތުން ރާއްޖެއާ މެދު އެއްވެސް ފަރާތަކުން ދަތި ކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމަކަށް ވެސް. އަދި ރާއްޖެއާ މެދު ދަތި ކުރުމުގެ ފިޔަވަޅު އެޅޭނެ ޖާގައެއް ވެސް ނެތް. އެއީ އަޅުގަނޑުމެންގެ ކަންކަން މިގެންދަނީ އަޅުގަނޑުމެންގެ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން. މިކަހަލަ ހާލަތެއްގައި އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ގައުމަކުން ވެސް އަދި ޖަމިއްޔާއަކުން ވެސް އަޅުގަނޑުމެންނަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަކަށެއް،" ދުންޔާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ޝަރީއަތްދާ ގޮތާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައު އިން ކަންބޮޑުވުން ފާޅު ކުރުމާ ގުޅޭ ގޮތުން "ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ފޮރިން މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލާގައި ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުންދަނީ "ރައީސް ނަޝީދަކީ ބައެއް ކަންތައްތަކުގައި މާ މަގުބޫލު ބޭފުޅަކަށްވާތީ" ކަމަށެވެ.
"އަޅުގަނޑުމެންނަކަށް އެހާ ބޮޑަކަށް އަންޑަސްޓޭންޑެއް ނުވޭ ކީއްވެގެން ކަމެއް އެހާ ބޮޑެތި ކަންބޮޑުވުންތަކެއް ރައީސް ނަޝީދާ މެދު އޮތީކީއެއް. ރާއްޖޭގައި ބައިވަރު ޝަރީއަތްތަކެއް ހިނގާ ދެއްތޯ. އެތައް ބައެއް އެކި ކަހަލަ ކުށްތަކަށް ހުކުމް ވެސް ކުރެވެމުންދޭ. އޭގެން އެއްވެސް ކަމަކަށެއް ބޭރުގެ ފަރާތްތަކުން ކަންބޮޑުވާ މަންޒަރެއް ނުފެނޭ،" ދުންޔާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ހިމެނޭ ސީމެގްގެ އެޖެންޑާ އަށް ރާއްޖެ އަނެއްކާ ވެސް ލާން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ދުންޔާ ވިދާޅުވީ ސީމެގްގެ އެޖެންޑާއަށް ރާއްޖެ ލުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުންދާ އިރު ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ސަރުކާރުން އަންނަނީ އެފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދުމުން ކަމަށެވެ.
"ބަޔަކު އޮޅުވާލައިގެން ނުވަތަ ރާއްޖެއާ ގުޅޭ ގޮތުން ރަނގަޅު ނޫން މަންޒަރުތަކެއް ދައްކަމުންދާ ކަމަށް ވަނީ ނަމަ އަޅުގަނޑުމެންނަށް [ސަރުކާރަށް] ވެސް އޭގެ މައުލޫމާތު ހިއްސާކޮށް ފެކްޓުތައް ހިއްސާކޮށް އެރުވޭނެ. އަނެއްކާ ރާއްޖެ އަށް މި ދިމާވާ ކޮންމެ ކަމަކީ ކޮންމެ ގައުމަކަށް ވެސް ހަމަ ދިމާވެދާނެ ހާލަތެއް،" ދުންޔާ ވިދާޅުވި އެވެ.