17 Feb 2011, 22:26
ޤާހިރާ : މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކަށް ކުރިމަތިވެ ވަޑައިގެންފައިވާ ނަފްސާނީ އަދި ޖިސްމާނީ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އޭނާ ސަޢޫދީ އަރަބިޔާއަށް ވަޑައިގެން ފިކަމަށް ޚަބަރު ލިބިއްޖެވެ.
މިސްރުގެ މަޝްހޫރު ނޫހެއް ކަމަށްވާ "އަލްއަޚްބާރު" ގެ އިއްޔެގެ ޢަދަދު ބުނިގޮތުގައި މުބާރަކް ސައޫދީ އަރަބިޔާއަށް ވަޑައިގެންނެވީ ސިއްޙީ ފަރުވާ ހޯއްދެވުމަށާއި ޢުމުރާގެ އަޅުކަމެއް އަދާކުރެއްވުމަށެވެ. ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން މަޖްބޫރީ ޙާލަތުގައި ވެރިކަން ދޫކޮށްލެއްވުމަށްފަހު އެކަހެރިގޮތެއްގައި ޝަރްމުއްޝައިޚްގެ ހޮޓަލެއްގައި އުޅުއްވަން މުބާރަކަށްވަނީ ޖެހިވަޑައިގެންފައެވެ. މިކަމުގެ ސަބަބުން ކުރިމަތިވި ހިތާމައާއި ނަފްސާނީ ހިތްދަތި ކަމުގެ ސަބަބުން މުބާރަކް ގެ ސިއްޙީ ޙާލުކޮޅު ކުއްލިއަކަށް ދަށަށްގޮސްފައިވާ ކަމަށާއި މުބާރަކް މިހާރު ހިންގަވައި އުޅުއްވަނީވެސް ދަނޑިބުރިއަކާއެކު މީހެއްގެ އެހީތެރިކަމުގައި ކަމަށް އޭނާގެ އަރިސް ފަރާތްތަކާ ޙަވާލާދީ މިސްރުގެ ބައެއް ނޫސްތައް ބުނެއެވެ.
އާލާސްކަންފުޅާ އުޅުއްވި ނަމަވެސް ޢުމުރާގެ އަޅުކަން އަދާކުރައްވަން މުބާރަކް ބޭނުންފުޅުވާ ކަމަށާއި ފަރުވާ ހޯއްދެވުމަށްފަހު ޢުމުރާގެ އަޅުކަން އަދާކުރައްވައިގެން އަނބުރައި މިސްރަށް ވަޑައިގަތުމަށް މުބާރަކް ބޭނުންފުޅުވާ ކަމަށް "އަލްއަޚްބާރު" ނޫސް ބުނެއެވެ. މުބާރަކް އަވަހާރަވެއްޖެނަމަ ފަސްދާނުލާނެ ތަނެއްވެސް އޭނާ ޢާއިލާއަށް އަންގައި ވަސިއްޔަތް ކުރައްވާފައިވާ ކަމަށް މި ނޫސްބުނެއެވެ.
މުބާރަކް ވަސިއްޔަތް ކުރައްވާފައިވަނީ އޭނާގެ ކާފަދަރިކަލުން މުޙައްމަދު ޢަލާ ފަސްދާނުލެވިފައިވާ މިސްރުގެ ޤަބްރުސްތާނެއްގައި ކާފަދަރިއާ ޖެހިގެން ފަސްދާނުލުމަށެވެ. މުބާރަކާމެދު ބެލެވިފައިވަނީ އޭނާއަކީ އިސްލާމީ ދުނިޔޭގެ ބޮޑު ޤައުމެއްގެ ވެރިއަކަށް ހުންނަވައިގެން ޢަރަބިންނާއި މުސްލިމުންގެ ޤައުމީ މަސްލަޙަތަށް ޚިދްމަތްކޮށްދެއްވުމުގެ ބަދަލުގައި އިސްރާއީލާއި އެމެރިކާގެ މަސްލަޙަތު ކުރިއަށް ނެރުއްވައި ހުޅަނގުގެ ސިޔާސަތުތަކަށް ޚިދްމަތްކޮށްދެއްވި ލީޑަރެއްގެ ގޮތުގައި ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. -- އަލްއަޚްބާރު، އަލްޢާލަމް