ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި މިދިޔަ މަހުން މި މަހަށް ރާއްޖެ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައިފި އެވެ.

މި އަހަރު ފެށުނު އިރު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ރާއްޖެ 131 ވަނާގައި އޮތް އިރު، ފެބްރުއަރީ މަހު ރާއްޖެ ވަނީ ހަތަރު ދަރަޖަ ދަށަށް ވެއްޓި، ވޯލްޑް ރޭންކިންގެ 135 ވަނަ އަށް ވެއްޓިފަ އެވެ. ނަމަވެސް ފެބްރުއަރީ އިން މާޗަށް ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދުމަށް ފަހު، މިހާރު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ރާއްޖޭ އޮތީ 133 ވަނައިގަ އެވެ.

ފީފާ ރޭންކިންގެ ދުނިޔޭގެ ތާވަލްގައި އޭފްސީ ސއުތު އޭޝިއާ ސަރަހައްދުން މީގެ ކުރިން ރާއްޖެއާ އެންމެ ގާތުން ވާދަކުރަމުން އައީ އަފްގާނިސްތާނެވެ. އެ ގައުމު މިދިޔަ މަހުން މި މަހަށް ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދާފައިވީ ނަމަވެސް، މިހާރު ތާވަލްގެ 137 ވަނައިގައި އޮތް އަފްގާނިސްތާން މިމަހުގެ ކުރީކޮޅު ވަނީ އަލަށް އުފެއްދި އޭއެފްސީ ސްންޓްރަލް ޒޯންގެ ދަށަށް ބަދަލު ކޮށްފަ އެވެ.

އޭއެފްސީ ސައުތު އޭޝިއާ ސަރަހައްދުން މިދިޔަ މަހުން މިމަހަށް ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ކުރިއެރުމެއް ދެން ހޯދި ހަމައެކަނި ގައުމީ ޕާކިސްތާނެވެ. އެ ގައުމު ވަނީ މިދިޔަ މަހުން މި މަހަށް ތާވަލްގައި އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދާ، ތާވަލްގެ 170 ވަނައަށް ޖެހިލާފަ އެވެ.

ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި މިފަހަރު އަވައްޓެރި އިންޑިއާ އާއި ލަންކާ ވެސް ވަނީ މިދިޔަ މަހާ އަޅާ ބަލާއިރު ދަށަށް ޖެހިލާފަ އެވެ. އެގޮތުން އިންޑިއާ ދެ ދަރަޖަ ދަށަށް ޖެހިލުމަށް ފަހު މިހާރު ތާވަލްގެ 173 ވަނައަށް ވެއްޓިފައިވާ އިރު، ލަންކާ ވަނީ އެއް ދަރަޖަ ދަށަށް ޖެހިލާ، ތާވަލްގެ 174 ވަނައަށް ވެއްޓިފަ އެވެ.

މި ސަރަހައްދުގައި މިހާރު ރާއްޖެއާ އެންމެ ގާތުން ވާދަކުރާ ބަންގްލަދޭޝް މިދިޔަ މަހުން މި މަހަށް ފަސް ދަރަޖަ ދަށަށް ވެއްޓިފައިވާ އިރު، ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 162ގައި މިހާރު އޮތް ބަންގްލަދޭޝް އަދިވެސް އޮތީ އޭއެފްސީ ސައުތު އޭޝިއާ ސަރަހައްދުގެ ދެވަނައިގަ އެވެ.

އޭއެފްސީ ސައުތު އޭޝިއާ ސަރަހައްދުގައި ހިމެނޭ ބާކީ ދެ ގައުމު ކަމަށްވާ ނޭޕާލް އާއި ބޫޓާނަށް މިދިޔަ މަހުން މި މަހަށް ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. މަހުން މަހަށް އަޕްޑޭޓްކުރާ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގް ތާވަލް ދެން އެންމެ އަވަހަށް އަޕްޑޭޓް ކުރާނީ އަންނަ އޭޕްރިލް މަހުގެ ނުވަވަނަ ދުވަހު އެވެ.