12 Mar 2015, 15:25
އުރުގުއޭ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗުތައް ކުޅެދީފައިވާ އެ ޓީމްގެ ތަރި ފޯވާޑް ޑިއޭގޯ ފޯލާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
މިހާރު އޭނާ ކުޅެދެމުން ގެންދާ ޖަޕާނުގެ ކްލަބެއް ކަމަށްވާ ސެރޭޒޯ އޮސާކާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ފޯލާން ބުނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އޭނާގެ ހަޔާތުގައި ނިންމުންތަކުގެ ތެރެއިން އެންމެ އުނދަގޫއެއް ނިންމުން ކަމަށެވެ.
"މިއީ ނިންމަން އަހަންނަށް ވަރަށް އުނދަގޫ ނިންމުމެއް. ނަމަވެސް އަހަންނަށް ހީވަނީ މިހާރު އެ ވަގުތު އައިސް ޖެހިއްޖެހެން. ކޮންމެ ކަމަކަށް ވެސް ފެށުމަކާއި ނިމުމެއް އޮންނާނެ. މިހާރު މިއީ ގައުމީ ޓީމަށް އާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދޭންވީ ވަގުތު. މިހާރު ގައުމީ ޓީމްގެ މިސްރާބު ބަދަލުކުރަން ޖެހޭ،" އުމުރުން 35 އަހަރުގެ ފޯލާން ބުންޏެވެ.
ވޭތުވެ ދިޔަ 12 އަހަރު ދުވަހު އުރުގުއޭގެ ގައުމީ ޓީމްގެ ފޯވާޑް ލައިނުގައި ވިދާޅުވީ ފޯލާން ބުނީ ގައުމީ ޓީމަށް ކުޅުމަކީ އޭނާގެ ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި އެ ހުވަންފެން ހަގީގަތަކަށް ވެފައި ވުމަކީ އޭނާ ވަރަށް އުފާކުރާ ކަމެއް ކަމަށް ވެސް ފޯލާން ބުންޏެވެ.
"އުރުގުއޭއަށް ކުޅުމަކީ އަހަރެންގެ ކުޑައިރުގެ ހުވަފެނެއް. ކުޑައިރު ގައުމީ ޓީމް ކުޅޭ މެޗުތަކުގައި، ކުޅުންތެރިން ގައުމީ ލަވަ ކިޔާތަން އަހަރެން ޓީވީން ބެލިން. އެ ހުވަފެން ހަގީގަތަކަށް ވުމަކީ އަހަރެން ވަރަށް، ވަރަށް އުފާކުރާ ކަމެއް. އަދި ގައުމީ ޓީމުގައި އެކުގައި ކުޅުނު މޮޅެތި ކުޅުންތެރިންނާ އެކު އެ ޓީމްގެ ޖާޒީގައި ހިދުމަތް ކޮށްދިނުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" ފޯލާން ބުންޏެވެ.
މީގެ ކުރިން އިންޓާ މިލާނާއި މެންޗެސްޓާ ޔުނައިޓަޑް އަދި އެތުލެޓިކޯ މެޑްރިޑުން ވެސް ފެނިގެން ދިޔަ ފޯލާން ބުނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަވެސް، ކްލަބް ފުޓްބޯޅައިގައި ކުރިއަށް ދާނެ ކަމަށެވެ. އަދި އުރުގުއޭގެ ގައުމީ ޓީމަށް އޭނާ އަބަދު ވެސް ސަޕޯޓު ކުރާނެކަމަށް ފޯލާން ބުންޏެވެ.
މީގެ ކުރިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަން ބޫޓާ އެކު، އެ އަހަރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފޯލާން ވަނީ އުރުގުއޭގެ ގައުމީ ޓީމަށް މުޅިއަކު 112 މެޗު ކުޅެދީ، އެ މުއްދަތުގެ ތެރޭގައި ޓީމަށް 36 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.