12 Mar 2015, 15:17
ހުޅަނގު ހާބަރުގައިވާ ޓީ ޖެޓީ ސަރަހައްދު ހިިންގައި ބެލެހެއްޓުން މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އާ ހަވާލުކޮށްފި އެވެ.
އެމްޕީއެލްގައި މިއަދު ބޭއްވި ހަފްލާއެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު މުއިއްޒު އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މަހުދީ އިމާދެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެސަރަހައްދު އެމްޕީއެލްއާ ހަވާލުކުރީ ޒަމާނީ ފެންވަރެއްގައި އެ ސަރަހައްދު ތަރައްގީކޮށް ބެލެހެއްޓުމަށް ކަމަށެވެ. މީގެ ފަހުން ޓިޖެޓީ ސަރަހައްދަށް އަންނަ ދޯނިތަކަށް ދޭން ޖެހޭ ހިދުމަތްތައް އެމްޕީއެލް އިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މިހަވާލުކުރަނީ ޓީޖެޓީ އާއި ޖެޓީއާ ގުޅިފައިވާ ޕޭމަންޓް ސަރަހައްދުއެއްކޮށް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. "މިއަދު މި ސޮއިކުރެވިގެން ދިއުމާ އެކު މިއަދުން ފެށިގެން އެ ސަރަހައްދު ބަލަހައްޓާނީ އޮޕަރޭޓްކޮށް އެސަރަހައްދާ ގުޅޭ އެންމެހާ ކަންތައްތައް، ކުރިއަށްގެން ދާނީ އެއްބަސްވުމުގައިވާ ގޮތުން އެމްޕީއެލް."
އެމްޕީއެލްގެ ސީއީއޯ މަހުދީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ވިސްނުމާ އެކު އެސަރަހައްދު ތަރައްގީވެގެން ދާނެ ކަމަށެވެ. އަދި މީރުބަހުރުވަ ބަނދަރު ބަލަހައްޓާ އުސޫލުގެ މަތިން ދެން ޓީޖެޓީ ވެސް ބެލެހެއްޓިގެންދާނެ ވިދާޅުވި އެވެ. އެމްޕީއެލް އިން ޓީ ޖެޓީ ސަރަހައްދު ބަލަހައްޓަން ހަވާލުވި ނަމަވެސް ފީތަކަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.