ކޮންމެ ބަހަކުން ވެސް ހުތުބާ ދެވޭނެ ކަމަށާއި އެހެންކަމުން ބަސް ނޭނގޭ މީހުންނަށް ތަރުޖަމާ ފޯރުކޮށްދެވުނީމަ އެ ނިމުނީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޔާސިރު ގާޟީ މާދަމާ އިސްލާމީ މަރުކަޒުގައި ހާއްސަ ހުތުބާއެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން އި ވަނީ ބުނެފަ އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމްދީނަކީ ބައިނަލް އަގުވާމީ ދީނެއް ކަމަށާއި އެހެންކަމުން ކޮންމެ ބަހަކުން ވެސް ހުތުބާ ދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ހުތުބާގެ ތަރުޖަމާގެ ހަ ހާސް ކޮޕީ އިސްލާމިކް މަރުކަޒުން ލިބޭނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ އިނގިރޭސި ބަހުން ޔާސިރު ހުތުބާ ދެއްވާނީ "ކީރިތި ރަސޫލާގެ ޝަހުސިއްޔަތު"ގެ މައްޗަަށް ކަމަށެވެ.

އިނގިރޭސި ބަހުން މާދަމާގެ ހުތުބާ ދެއްވާތީ އެކަމާ ގުޅިގެން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ޒަމާނުއްސުރެއް ދިވެހިން ހުތުބާ އަޑުއަހަމުން ދަނީ ދިވެހި ބަހުން ކަމަށެވެ. އަދި އެއީ ބަހަށް ކުރެވޭ ވަރަށް ބޮޑު "މަލާމާތެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒަމާނުއްސުރެއް އަޅުގަނޑުމެން ދިވެހިން ހުތުބާ ދެމުން އަދި އަޑު އަހަމުން މި އަންނަނީ ދިވެހި ބަހުން. އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ މިކަމާ. އަޅުގަނޑުމެން ހުތުބާ އަމާޒު މި ކުރަނީ ވަކި ބަޔަކަށް ނޫން ދެއްތޯ. އަޅުގަނޑުމެންގެ ތެރޭގައި ދީނީ ތަގުރީރު ދެއްވާ ފުންނާބު އުސް ބޭފުޅުން އެބަތިއްބެވިހެން އަޅުގަނޑަށް ހީވަނީ،" އަޝްރަފް ވިދާޅުވި އެވެ.

އަޝްރަފް މިހެން ވިދާޅުވި އިރު އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ހަވަނަ މާއްދާގައި އޮންނަނީ ބޭރު ބަހަކުން ދޭ ތަގުރީރު ވަގުތުން ނުވަތު ފަހުން ތަރުޖަމާ ލިބޭ ގޮތް ހެދުން ކަމަށެވެ.