ރާއްޖޭގެ ޕްރޮސިކިއުޓަރުން ތަމްރީނު ހޯދަން ރަޝިޔާގައި މަސައްކަތް ކުރާގޮތަށް ހަމަޖައްސައި، ރާއްޖޭގައި ތިއްބަވާ ޕްރޮސިކިއުޓަރުންނަށް ތަމްރީނު ދިނުމަށް ރަޝިޔާގެ ޕްރޮސިކިއުޓަރުން ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިގޮތަށް ހަމަޖެހިފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިހާރު ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ފަތުރުފުޅުގައި އިއްޔެ އެ ގައުމުގެ ޕްރޮސިކިއުޓާ ޖެނެރަލް ޔޫރީ ޗައިކާއާ އެކު ބޭއްވެވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.

އިއްޔެ ރާއްޖޭ ގަޑިން 11:00 ގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޖަލުތަކުގައި ތިބޭ ރަޝިޔާގެ ގައިދީންނާއި އަދި އެގައުމުގެ ޖަލުގައި ތިބޭ ދިވެހި ގައިދީން އެއް ގައުމުން އަނެއްގައުމަށް ބަދަލުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ ގައުމުގެ ގައިދީން އެއްގައުމުން އަނެއް ގައުމަށް ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ދެ ގައުމުގެ ދެމެދުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަހުމޫދު ސަލީމާއި ޕީޖީ އޮފީހުގެ ލީގަލް އެފެއާޒު ޑިރެކްޓަރު މުހައްމަދު އިޔާޒުގެ އިތުރުން ރަޝިޔާގެ ޕީޖީ އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.