ތެލަސީމިއާ ކުދިން އެ ބަލިން ފަސޭހަ ކުރުމަށް އޮތް ހަމަ އެކަނި ގޮތް ކަމަށްވާ ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީދިން ކުދިންގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ ކުދިން މިއަދު ފުރައިފި އެވެ.

ޒަކާތު ފަންޑުން އެހީ ދިން 34 ކުދިންގެ ތެރެއިން މިއަދު ފުރާފައި ވަނީ އޭގެ ތެރެއިން 10 ކުއްޖެކެވެ.

އެ ކުދިން ފުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވަނީ އެ ކުދިންނާއި އެ ކުދިންނާއެކު ބޭހަށް ފުރާ އާއިލާ މެންބަރުންނާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިިޕީގައި ބައްދަލުކުރައްވައި ހިތްވަރު ދެއްވާފަ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވީ، ފުރަތަމަ ބުރުގައި 10 ކުދިން ފޮނުވާފައި ވަނީ ހޮސްޕިޓަލްތަކުން ޖާގަ ލިބުނު އަދަދުން ކަމަށެވެ.

"މޯލްޑިވްސް ބްލަޑް ސާވިސް އިން ދިން ލިސްޓުގެ ޕްރައިއޯރަޓީއަށް ބަލައިގެން ކުދިންނަށް ފުރުސަތު ދީފައިވަނީ. ބޯންމެރޯ ފެސިލީޓް ތަކަކީ ހޮސްޕިޓަލްތަކުގައި ވަރަށް މަދުން ހުންނަ ފެސިލިޓީސްތަކަކަށް ވެފައި އަދި އެ ހޮސްޕިޓަލް ތަކުގައި ބޯންމެރޯގެ ހިދުމަތަށް މި ހުންނަނީ ގާތްގަނޑަކަށް ތިން ހަތަރު އެނދު،" މުޖުތަބާ ވިދާޅުވި އެވެ.

މިއަދު ފުރި 10 ކުދިންގެ ތެރެއިން ދެ ކުއްޖަކު ސްރީލަންކާ އަށްދާއިރު، އަނެއް އަށް ކުދިން ފުރާފައި ވަނީ އިންޑިއާ އަށެވެ. އަދި އެ ކުދިން ޓްރާސްޕްލާންޓް ހަދާ ހޮސްޕިޓަލްތަކުގެ ތެރޭގައި ކުރިން އެންމެ ގިނައިން ތެލެސީމިއާގެ ފަރުވާއަށްދާ އިންޑިއާގެ ވެއްލޫރުގައި ހުންނަ ކްރިސްޓިއަން މެޑިކަލް ކޮލެޖު ހިމެނޭ ކަމަށް އެންސްޕާއިން މައުލޫމާތުދެ އެވެ.

އެންސްޕާގެ ސީީއީއޯ މުޖުތަބާ ވިދާޅުވީ، ބޯންމެރޯ ޓްރާސްޕްލާންޓް ހަދަންދާ ދެ ވަނަ ބެޗުގައި ހިމެނޭ ކުދިން ފުރާނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.

ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް އެހީ ލިބުނު ކުދިންނަށް އެހީ ހަވާލުކޮށް ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ބޯންމެރޯ އޮޕަރޭޝަނަށްފަހު ތިން މަސް ވަންދެން އެ ކުއްޖަކު އެ ގައުމެއްގައި މަޑުކުރަންޖެހެ އެވެ. އަދި ޒަކާތު ފަންޑުން އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިންގެ ޓިކެޓާ ހުރިހާ ހަރަދުތައް ވެސް ހަމަޖައްސައިދޭނެ އެވެ.

އެގޮތުން، ކޮންމެ ކުއްޖަކަށް ގާތްގަނޑަކަށް 45،000 ޑޮލަރު ޒަކާތު ފަންޑުން ހަރަދުކުރާއިރު، ބޯންމެރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 30،000 ނުވަތަ 35،000 ޑޮލަރު ހޭދަވާނެ ކަމަށް އެންސްޕާއިން ބުނެ އެވެ.