ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ ބިލުގައިވާ ގޮތުން ޕަބްލިކް ސާވިސް ބްރޯޑްކާސްޓާ (އެމްބީސީ)ގެ ދަށުން ކުޅިވަރު ޗެނަލެއް އުފައްދަން ޖެހޭ ގޮތަށް ލާޒިމްކޮށް ބިލެއް ހުށަހަޅައިފި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ހުށަހަޅާފައިވާ މި ބިލުގައި ބުނެފައި ވަނީ އެ ބިލް ފާސްވެ ގާނޫނަކަށް ބަދަލުވާ ހިސާބުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކުޅިވަރުތައް ޕްރޮމޯޓުކޮށް ކުރިއެރުވުމަށް ޓަކައި މޯލްޑިވްސް ސްޕޯޓްސް ޗެނަލްގެ ނަމުގައި ޓީވީ ޗެނަލެއް ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ކުޅިވަރު ޗެނަލް ގާއިމްކުރަން ޖެހޭނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ގާނޫނުގެ ދަށުން ގާއިމްކޮށްފައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓާގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

އެ ޗެނަލަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ އެއްބާރުލުމާ އެކު ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ސްޕޯޓްސް ލިމިޓެޑުން ހިންގާ އަދި އެ ފަރާތަށް ހަމަ ހަމައަށް ހިންގައިގެން މަންފާ ހޯދޭނެ ޗެނަލެއް ކަމަށް ވެސް ބިލްގައިވެ އެވެ.

މި ޗެނަލް ގާއިމް ކުރެވޭ ތާރީހުން ފެށިގެން ތިން އަހަރު ދުވަސް ވަންދެން ޗެނަލް ހިންގައި ކުރިއެރުވުމަށް ޓަކައި ދާނެ ހަރަދު ދައުލަތުގެ ބަޖެޓުން މޯލްޑިވްސް ސްޕޯޓްސް ލިމިޓެޑަށް ހަމަޖައްސައިދޭން ޖެހެ އެވެ. އަދި ތިން އަހަރު ފަހުން ޗެނަލް ހިންގުމަށް ޓަކައި ހަރަދުކުރާނީ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ކުންފުންޏަށް ލިބޭ އާމްދަނީން ނެވެ.

އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން އެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ކޮމިޝަނަރު އޮފް ސްޕޯޓްސްއެއް އައްޔަންކުރަން ޖެހެ އެވެ. އަދި ކޮމިޝަނަރު އޮފް ސްޕޯޓްސް އަށް މީހަކު އައްޔަން ކުރާއިރު އެމީހާގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގެ ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގެ މަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވާންޖެހެ އެވެ.

ކޮމިޝަނަރު އޮފް ސްޕޯޓްސްގެ ބާރުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ފަރުދުންނާ ކުލަބު ޖަމިއްޔާތަކާއި އެތަންތަނުގެ މެމްބަރުންގެ ދަފްތަރަށް ސައްހަނޫން މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ މައްޗަށް ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ އެވެ.

އަދި އެ ގާނޫނުގެ ދަށުން އަލަށް އައްޔަން ކުރެވޭ ކޮމިޝަނަރު އޮފް ސްޕޯޓްސް އައްޔަންކުރުމަށް ފަހު އެއްވެސް ސަބަބަކާހުރެ އެ މަގާމު ހުސްވެފައިވާ ނަމަ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އެހެން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހެ އެވެ. އަދި ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމުގައި ހުރި ބޭފުޅަކު މަގާމުން އިސްތިއުފާ ދެއްވައިފި ނަމަ ވެސް 30 ދުވަހުގެ ތެރޭގައި އެމަގާމަށް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހެ އެވެ.

ކޮމިޝަނަރު އޮފް ސްޕޯޓްސްއެއް މި ގާނޫނުގެ ދަށުން އައްޔަންކުރާ އިރު މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް ކައުންސިލުން އުފައްދަން ޖެހެ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަސް ތެރޭގައި އިންތިހާބު ކުރެވޭ ސްޕޯޓްސް ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެ ކައުންސިލް އިދާރީ ގޮތުން ހިނގާނީ ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއްގެ ގޮތުގަ އެވެ.