12 Mar 2015, 12:20
ސިފައިންގެ އަތުން ފިސްތޯލައެއް ގެއްލުނު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އިއްޔެ ޝަރީއަތުގައި ދެއްކި ވާހަކަ އެމްއެންޑީއެފް އިން ދޮގުކޮށްފި އެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 9 އެމްއެމްގެ ފިސްތޯލައެއް ސިފައިންގެ ބޭކަލެއްގެ އަތުން މިދިޔަ އަހަރު ރިސޯޓަކަށް ގެއްލިފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.
އެ ބަޔާނުގައި ވަނީ ސިފައިންގެ ހަތިޔާރު އިންވެންޓްރީ އިން އެއްވެސް ހަތިޔާރެއް އުނިވެފައި ނެތް ވާހަކަ ރައްޔިތުންގެ މަލޫމާތަށް ޓަކައި ދަންނަވާ ކަމަށެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ހެކި ހުށަހަޅުއްވަމުން މައުމޫން ހަމީދު ވިދާޅުވީ ސިފައިންގެ ކޯޕްރަލެއްގެ އަތުން
ޝަންގްރިއްލާ ރިސޯޓުގެ ތެރެއަށް މިދިޔަ އަހަރު ފިސްތޯލައެއް ގެއްލިފައިވާ ކަމަށެވެ. އަދި އެއީ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަހަލަ ބްރައުނިން 9އެމްއެމްގެ ފިސްތޯލެއް ކަމަށް ވިދާޅުވެ އެކަން ސާބިތުކުރުމަށް ވަނީ ހެކި ހުށަހަޅުއްވާފަ އެވެ.