ބެންޣާޒީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ގޮވާލައި ލީބިޔާގެ އެތަށް ހާސްބަޔަކު އެޤައުމުގެ ބޮޑެތި ރައްތަކުގައި މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

މިކަން ކަވަރކުރަމުންގެންދާ ބައިނަލްއަޤްވާމީ ނޫސްއެޖެންސީތަކާއި ޓީވީ ނެޓްވާކްތައް ބުނިގޮތުގައި ޤައްޒާފީއާއިދިކޮޅު މުޒާހަރާތައް ކުރިޔަށްދަނީ އެޤައުމުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ބެންޣާޒީގައާއި ތިންވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ސަބްހާގައާއި ހަތަރުވަނަ އަށް އެންމެ ބޮޑު ރަށްކަމަށްވާ އަލްބައިޟާ ގައެވެ.

މިތިން ރަށުގެ އިތުރުން ދަރްނާ އާއި ޝައްޙާތުގައިވެސް ޤައްޒާފީގެ ދިގުލީ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ ލީބިޔާގެ ރައްޔިތުންނާއި ޤައްޒާފީގެ ވެރިކަމުން ފައިދާ ލިބޭ ފަރާތްތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. މަންޒަރުދުށް ބައެއް ފަރާތަކުން ބުނާގޮތުގައި ޤައްޒާފީއަށް ތާއީދުކުރާ ފަރާތްތަކުގެ އިތުރުން ސީދާ ލީބިޔާގެ ސަލާމަތީ ބާރުތަކުންވެސް މުޒާހަރާކުރާ ރައްޔިތުންނާ ދެކޮޅަށް ހޫނުފެނާއި ލަޓިބުރިއާއި ކަރުގޭހުގެ އިތުރުން ބަޑީގެ ބޭނުންވެސްދަނީ ކުރަމުންނެވެ.

އެންމެ ފަހުން ޚަބަރުލިބުނު ގޮތުގައި މިމުޒާހަރާތަކުގައި ބައިވެރިވާ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ބުނާގޮތުން މިކުރިމަތިލުންތަކުގައި މިހާތަނަށް 13 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ. ނަމަވެސް މުސްތަޤިއްލު ފަރާތަކުން މިޢަދަދު ކަށަވަރު ކޮށެއް ނުދެއެވެ.

ލީބިޔާ ސަރުކާރުން އިއްޔެވަނީ ޤައްޒާފީގެ ވެރިކަމާ ދެކޮޅަށް ޒަމާނުއްސުރެ މަސައްކަތްކުރާ އިޚްވާނުލްމުސްލިމީން ޖަމާޢަތުގެ މެންބަރުންގެ ތެރެއިން ޖަލުގައި ހައްޔަރުކޮށްފައިވާ 110 މީހަކު މިނިވަން ކޮށްފައެވެ. މިނިވަންކުރި މީހުންގެ ތެރޭގައި އުމުރަށް ޖަލަށްލާފައިވާ މީހުންނާއި މަރަން ނިޔާ ކަނޑައަޅާފައިވާ މީހުންވެސް ހިމެނެއެވެ. މ 110 މީހުން މިނިވަން ކުރިނަމަވެސް މިޖަމާއަތަށް ނިސްބަތްވާ 200 އެއްހާ ސިޔާސީ ކުށްވެރިން ލީބިޔާގެ ޖަލުތަކުގައި އަދިވެސް އެބަތިބި ކަމަށް މިޖަމާޢަތުގެ އިސްބޭފުޅެއް ކަމަށްވާ އައްޝައިޚް މުޙައްމަދުއްސަލާބީ ވިދާޅުވިއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)