މޯލްޑިވްސް އިސްލާމިކް ބޭންކުން 'ފައިސާ ނެޓް' ނަމުގައި އިންޓަނެޓް ބޭންކިން ހިދުމަތް ތައާރަފްކޮށްފި އެވެ.

ނަސަންދުރާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ އެމްއެމްއޭ ގެ ގަވާނާ ޑރ. އަޒީމާ އާދަމެވެ.

ހިދުމަތް ތައާރަފް ކުރުމަށްފަހު ވާހަކަ ދައްކަވަމުން އަޒީމާ ވިދާޅުވީ ފައިސާ ނެޓް ހިދުމަތަކީ ކަސްޓަމަރުންނަށް ވަރަށް މުހިއްމު ހިދުމަތެއް ކަަމަށް ގަބޫލުކުރައްވާ ކަމަށާއި އިސްލާމިކް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ކަމަށެވެ.

ރާއްޖޭގައި ހުރި ހަމައެކަނި އިސްލާމިކް ބޭންކު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރު ހާރިތު ހާރޫން ވިދާޅުވީ އޮންލައިން ހިދުމަތް ބޭނުންކުރަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ.

"އޮންލައިން ބޭންކިން ހިދުމަތަށް ރަޖިސްޓްރީ ކުރާކަށް ބޭންކަށް އަންނާކަށް ނުޖެހޭނެ. އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް މިހާރު ވެސް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ،" ހާރިތު ހާރޫން ވިދާޅުވި އެވެ.

އިންޓާނެޓް ބޭންކިންގައި ދެ ޕެކޭޖެއް ހިމެނެ އެވެ. އެއީ ބޭސިކް ޕެކޭޖާއި އާއި ޕްރިމިއަމް ޕެކޭޖެވެ.

ބޭސިކް ޕެކޭޖް ހުރިހާ ކަސްޓަމަރުންނަށް ވެސް ހިލޭ ލިބެ އެވެ. މި ހިދުމަތް މެދުވެރިކޮށް ބެލެންސް ބެލުމާއި، އަމިއްލަ އެކައުންޓްތަކުގެ މެދުގައި ފައިސާ ޓްރާންސްފާ ކުުރުމާއި، އަދި ޗެކްފޮތަށް އެދުން ފަދަ ހިދުމަތްތައް ލިބި އެވެ.

ފައިސާ ނެޓްގެ ސެކިއުރިޓީ ރަނގަޅު ކުރުމުގެ ގޮތުން 'ޓޫ ސްޓެޕް ވެރިފިކޭޝަން' ބޭނުން ކުރާނެ ކަމަށް އިސްލާމިކް ބޭންކުގެ ހެޑް އޮފް ޓެކްނޮލަޖީސް އަހުމަދު ރިޒާ ވިދާޅުވި އެވެ.

ފައިސާ ނެޓްގެ އެޕްލިކޭޝަނެއް ވެސް މިހާރު އެޕަލް ސްޓޯރާއި ގޫގުލް ޕްލޭ އިން މިހާރު ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް ރިޒާ ވިދާޅުވި އެވެ.

އޮންލައިން ބޭންކިން އިތުރަށް ފުޅާކޮށް އެ ހިދުމަތުގެ ތެރެއިން ބިލްތައް ދެއްކުމާއި ޒަކާތް ދެއްކޭނެ ނިޒާމެއް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރައްވާނެ ކަމަށް މެނޭޖިން ޑިރެކްޓާ ހާރިތު ހާރޫން ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކިން ހިދުމަތް ރާއްޖޭގައި ދޭން ފެށީ މާޗް 7، 2011، އެވެ.