12 Mar 2015, 11:59
މިދިޔަ ސީޒަންގައި ކްލަބް ވެލެންސިޔާގައި ޑިފެންޑަރެއްގެ މަގާމް އަދާކުރި މުހައްމަދު ޝައްފާޒް (ސައްޕޭ)، މި ސީޒަނަށް ނިއުރޭޑިއެންޓަށް ސޮއި ކޮށްފި އެވެ.
މިއަދު 'ސަން' އަށް މައުލޫމާތު ދެމުން ނިއުރޭޑިއެންޓްގެ ބޯޑު މެންބަރު އަހުމަދު ޒަރީރު ވިދާޅުވީ އޭނާ ނިއުއަށް ސޮއިކޮށްފައި ވާ ކަމަށާއި، އިއްޔެ ކުޅުނު އޭއެފްސީ ކަޕް މެޗުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ކްލަބްގެ ތަމްރީނުތަކުގައި ވެސް އޭނާ ބައިވެރިވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ޒަރީރު ވިދާޅުވީ މިހާރު ސައްޕޭ ނިއުއަށް ސޮއިކޮށްފައި ވިޔަސް، މިފަހަރު އޭއެފްސީ ކަޕަށް ހުށަހެޅި ޓީމް ލިސްޓުގައި އޭނާގެ ނަން ނެތުމުން އޭނާ އެ މުބާރާތުގައި ނިއުއިން ނުފެންނާނެ ކަމަށެވެ. ނަމަވެސް އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރެވިއްޖެ ނަމަ، ސައްޕޭ އެ މުބާރާތުގައި ބޭނުން ކުރުން އެކަށީގެން ވާކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
ސައްޕޭ އެންމެ ފުރަތަމަ ރާއްޖޭގެ ފުޓްބޯޅައިން ފެނިގެން ގޮސްފައި ވަނީ ކްލަބް މެކާނޯ އިންނެވެ. އަދި 2003 ވަނަ އަހަރު އޭނާ ވެލެންސިޔާއަށް ބަދަލުވެ، އެ ޓީމްގައި މޮޅު ކުޅުމެއް ދައްކާފައި ވާއިރު، އޭނާ ވަނީ އޭގެ ފަހުން ވިކްޓްރީ ސްޕޯޓްސް ކްލަބަށާއި ބީޖީ ސްޕޯޓްސް އަދި ވީބީ އައްޑޫ އެފްސީއަށްވެސް ކުޅެފައެވެ.