ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ޝޯ، "އައިޓީބީ ފެއާ"ގައި ރާއްޖެ އިސްތިހާރު ކުރުމުގެ ތެރެއިން ފެނުނު އެންމެ ބޮޑު ތަފާތަކަށްވީ ސުވެނިއާ ކޮތަޅުގެ ކުލަ އެވެ. މީގެ ކުރިން ރާއްޖެ އިސްތިހާރު ކުރުމަށް ބޭނުންކުރާ ރީނދޫ ކޮތަޅުގެ ބަދަލުގައި އަސުރުމާ ކުލައެއްގެ ކޮތަޅެއް ބޭނުން ކުރުން ވެގެންގޮސްފައި ވަނީ ގިނަ ބަޔެއްގެ ސަމާލުކަން އެކަމަކަށް އައިސްފައިވާ ކަމަކަށެވެ. އެއްބަޔަކު އެކަން ސިޔާސީ ގޮތަކަށް ވެސް ބޭނުންކުރެ އެވެ.

މީގެ އެތައް ޒަމާނެއް ކުރިން ޓޫރިޒަމް އިސްތިހާރު ކުރުމަށް މުޅިން ވެސް ބޭނުން ކުރަމުން އައީ ގަދަ ރީނދޫ ކުލައިގެ ކޮތަޅެކެވެ. އެކޮތަޅު ގަދަ ރީނދޫކުލައެއް ބޭނުންކުރާ އެއް ސަބަބަކީ އިރުގެ ޝިއާރަކުން ރާއްޖެ އިސްތިހާރު ކުރުމެވެ. އެކޮތަޅުތަކަކީ ފެއާތަކަށާއި އެކިއެކި ކަންކަމުގައި ރާއްޖެ އިސްތިހާރުކުރާއިރު ހަދިޔާ ދިނުމަށް ބޭނުންކުރާ ކޮތަޅެކެވެ.

ކޮތަޅުގެ ކުލަ އާއި ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވީ ކޮތަޅުގެ ކުލައަށް ބަދަލެއް ގެނައީ ސިޔާސީ މަގުސަދެއްގައި ނޫން ކަމަށާއި އެކަން ކުރީ އެހެން އަހަރުތަކާއި ތަފާތެއް ގެނައުމަށް ކަމަށެވެ. އެމްއެމްޕީއާރްސީން މަސައްކަތް ކޮށްފައި ވަނީ "ދަނބުކުލާގެ" ކޮތަޅުތަކެއް ހެދުމަށް ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

"އެއީ އަސްލު ޕިންކެއް ނޫން، ޕާޕަލް ކުލައަށް ހަދަން އުޅެފަ އެހެރީ، މިކޮޅަށް [އެމްއެމްޕީއާރްސީ] އަށް އެފަދަ ކަންކަމުގައި ލަފާދޭނެ ޑިޒައިން ފާމަކުން ވެސް، އެފަރާތްތަކާ ވެސް ވާހަކަ ދައްކައިގެން އެގޮތަށް ބަދަލުގެނެސް އެއިނީ،" ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ އެކަހަލަ ކުލައަކަށް ކޮތަޅު ބަދަލުކުރީ ޓޫރިޒަމް އިސްތިހާރު ކުރުމުގެ ތެރެއިން މީހުންގެ ލޯތަކުގައި ބޮޑަށް އަޅައިގަންނާނެ ކަހަލަ ކުލައެއް ބޭނުން ކުުމަށެވެ. އަސުރުމާ ކުލައިގެ އެކޮތަޅުތަކަށް މިއަހަރުގެ ފެއާގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަންނަ އަހަރު ޓޫރިޒަމް އިސްތިހާރު ކުރުމަށް ބޭނުން ކުރާނީ އެހެން ކުލައެއްގެ ކޮތަޅުތަކެއް ކަމަށެވެ.

މި ފަހަރު ޓޫރިޒަމް އިސްތިހާރު ކުރުމަށް ވެރިކަން ކުރާ ޕާޓީގެ ކުލައިގެ ކޮތަޅުތަކެއް ބޭނުންކޮށްފައިވާއިރު އެމްޑީޕީގެ ވެރިކަމުގައި ވެސް ވަނީ ޓޫރިޒަމް އިސްތިހާރު ކުރުމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް އިސްތިހާރު ކުރުމަށް ބޭނުންކުރި "ސަނީ ސައިޑް އޮފް ލައިފް"ގެ ޝިއާރު ދޫކޮށް "މޯލްޑިވްސް އޯލްވޭސް ނެޗްރަލް" އަށް ބަދަލުކުރި އެވެ. ނަމަވެސް އެ ވެރިކަން ނިމުނުތާ މާ ގިނަ ދުވަހެއްނުވެ އަނެއްކާވެސް "ސަނީ ސައިޑް އޮފް ލައިފް" އަށް ޝިއާރު މި ވަނީ ބަދަލުކޮށްފަ އެވެ.