އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓު ރިސޯޓުތަކުގައި ގާއިމްކުރަންޖެހޭ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އެކުލަވާލާފައިވާ ގަވާއިދުގައި ބުނެފައި ވަނީ ރާއްޖޭގައި ހުޅުވާ އަދި އޮޕަރޭޓު ކުރަމުން ގެންދާ ރިސޯޓެއްގައި ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަލިފާން ނިއްވާ ނިޒާމްތައް ގާއިމްކޮށްފައި ހުންނަންވާނެ ކަމަށެވެ. އަދި އަލިފާން ނިއްވާ ނިޒާމްތައް ގާއިމް ކުރަން ވާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން އެފަދަ މަސައްްކަތް ކުރުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް މެދުވެރިކޮށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައި ބުނެފައި ވަނީ ބައިނަލްއަގުވާމީ ކުންފުންޏަކުން އެފަދަ މަސައްކަތެއް ކުރާ ކަމަށްވާނަމަ ޓުވަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޑިފެންސް މިނިސްޓްރީގެ ހުއްދަ ހޯދަންވާނެ ކަމަށެވެ.

ގަވާއިދުގެ ހަތަރު ވަނަ މާއްދާގައި ބުނެފައި ވަނީ ރިސޯޓުގައި ހިނގާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމަށް އަލިފާންނިވި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ރިސޯޓުގައި ހިނގާފާނެ "ކްލާސް އޭ" އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ކުރުމަށް އަލިފާންނިއްވާ ފުޅި ހޯދުމަށް 30 މީޓަރަށްވުރެއް ދުރަށްދާން ނުޖެހޭ ގޮތަށް ރިސޯޓުގެ އެކި ތަންތަނުގައި 9 ލީޓަރުގެ ފެން "އަލިފާންނިވި" ބަހައްޓާފައި ހުންނާނެ ކަމަށެވެ.

ރިޒޯޓުތަކުން އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަވާއިދަށް އަމަލުކުރަން މިއަދު ފެށިއިރު އެ ގަވާއިދުގެ ހަތް ވަނަ މާއްދާގައި ބުނެފައި ވަނީ ޕޯޓަބަލް ފަޔާ ފައިޓިން ޕަމްޕު ބަހައްޓާނަމަ މަދުވެގެން ދެ ޕޯޓަބަލް ފަޔާ ފައިޓިން ޕަމްޕު ބަހައްޓަންވާނެ ކަމަށެވެ.

ގަވާއިދުގެ ފަސްވަނަ މާއްދާއާ ހަ ވަނަ މާއްދާގައި ބުނެފައިވާ ކަންތައްތައް ފިޔަވާއެހެން ކަމަކާ ހިލާފުވެއްޖެނަމަ 10،000 ރުފިޔާ އިން ފެށިގެން 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ހަމައެއާއެފަސްވަނަ މާއްދާއާ ހަވަނަ މާއްދާއާ ހިލާފުވެއްޖެނަމަ 6،500 ރުފިޔާއާ 10،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ.

މި ގަވާއިދަކީ ޓުވަރިޒަމްއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.